ENGLISH
18 އޭޕްރީލު 2025
ޖޭމްސްގެ 40 ވަނަ އުފަން ދުވަހަށް ފަހު ކުޅުނު މެޗުން ކުރީގެ ޓީމު އަތުން ބަލިވެއްޖެ
01 ޖެނުއަރީ 2025
|
ލޭކާސްއާ ކަވަލިއާސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އެންބީއޭގެ ސުޕަރސްޓަރ ލެބްރޮން ޖޭމްސްގެ 40 ވަނަ އުފަންދުވަހަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ކްލީވްލެންޑް ކަވަލިއާސް އަތުން ލޮސް އެންޖެލަސް ލޭކާސް ބަލިވެއްޖެއެވެ.
ލޭކާސްގެ ދަނޑުގައި ކުޅުނު މި މެޗުން ކަވަލިއާސް މޮޅުވީ 122-110 އިންނެވެ.
ލޮސް އެންޖެލަސްގައި ހުންނަ ކްރިޕްޓޯ.ކޮމް އެރީނާގައި މިއަދު ކުޅުނު މެޗު ފެށިގެން ހުރިހާ ކުއާޓަރ އެއްގައި ވެސް ކުރިހޯދާފައި ވަނީ ކަވަލިއާސް އިންނެވެ.
އެގޮތުން، މި މެޗުގެ ފުރަތަމަ ކުއާޓަރގައި ހަތަރު ޕޮއިންޓްގެ ލީޑެއްގައި އޮވެ، 34-30 އިން ކަވަލިއާސް ނިންމާލިއިރު، ދެވަނަ ކުއާޓަރގައި ވެސް 24-23 އިން ކުރިހޯދީ އެ ޓީމުންނެވެ.
އެއަށްފަހު، ފުރަތަމަ ކުއާޓަރ އެކޭ އެއްފަދައިން ދެން ކުޅުނު ތިންވަނަ ކުއާޓަރގައި ވެސް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު، 29-25 އިން ކަވަލިއާސް ކުރިހޯދާފައިވާއިރު، މި މެޗުގެ އެންމެ ފަހު ކުއާޓަރގައި އެ ޓީމުން ކުރިހޯދީ 35-32 އިންނެވެ.
މި މެޗުން ކަވަލިއާސް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ޑަބަލް-ޑަބަލްއެއް ފުރިހަމަކުރި ޖަރެޓް އެލެން އެވެ. އޭނާ ވަނީ 27 ޕޮއިންޓާ އެކު 14 ރީބައުންޑް ނަގައިފައެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޑޮނަވަން މިޗޭލް 26 ޕޮއިންޓް އެއްކުރިއިރު، ޑާރިއަސް ގާލަންޑް ވަނީ 14 ޕޮއިންޓާއެކު 14 އެސިސްޓް ހަދައި، ޑަބަލް-ޑަބަލްއެއް ފުރިހަމަ ކޮށްފައެވެ.
ލޭކާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ޑަބަލް-ޑަބަލްއެއް ފުރިހަމަކުރި އޮސްޓިން ރީވްސް އެވެ. އޮސްޓިން ރީވްސް ވަނީ 35 ޕޮއިންޓާއެކު، 10 އެސިސްޓް ހަދައިފައެވެ. މީގެ އިތުރުން، އެ ޓީމުގެ ސެންޓަރ، އެންތަނީ ޑޭވިސް ވެސް 28 ޕޮއިންޓާއެކު 13 ރީބައުންޑްނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކުރިއިރު ކަވަލިއާސްގެ ކުރީގެ ލެޖެންޑް، ޖޭމްސް އަށް އެއްކުރެވުނީ 23 ޕޮއިންޓެވެ.
ޖޭމްސް އަކީ ކަވަލިއާސްގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންބީއޭގެ ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. ކަވަލިއާސް އާ އެކު އެންމެ ފުރަތަމަ އެންބީއޭ އަށް ނުކުތް ޖޭމްސް އަކީ އެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ޕޮއިންޓްއެއްކޮށް، އެންމެ ގިނަ މިނެޓު ކުޅެފައިވާ ކުޅުންތެރިޔާ ވެސް މެއެވެ. އޭނާ އަކީ 2016 ވަނަ އަހަރު ކަވަލިއާސް އަށް ފުރަތަމަ ފަހަރަށް އެންބީއޭގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ މޭސްތިރިއެވެ.