ENGLISH

18 އޭޕްރީލު 2025

Advertisement

ބޮވެން އަށް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރަށް

01 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ވެސްޓް ހޭމްގެ ކެޕްޓަން، ބޮވެން. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ވެސްޓް ހޭމް ޔުނައިޓެޑްގެ ކެޕްޓަން، ޖަރޮޑް ބޮވެން އަށް ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާންޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ބޮވެން އަށް އަނިޔާވީ، މި ހަފްތާގެ އާދީއްތަ ދުވަހު ލީގުގައި އަމިއްލަ ދަނޑުގައި 5-0 އިން ލިވަޕޫލް އަތުން ވެސްޓް ހޭމް ބަލިވި މެޗުގައެވެ. މި އަނިޔާގެ ސަބަބުން އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އޭނާ ވަނީ ބަދަލުކޮށްފައެވެ.

ބޮވެންގެ އަނިޔާއާ ގުޅޭގޮތުން ވެސްޓް ހޭމުން ބުނީ، ބޮވެންގެ ވާތުފައިގެ ކަށިކޮޅެއްގައި ރެނދުލާފައިވާ ކަމަށާއި، އައު އަހަރު ފެށިގެންދާއިރު ކުރިއަށް އޮތް މެޗުތަކުގައި އޭނާ އަށް ބައިވެރިނުވެވޭނެ ކަމަށެވެ.

ބޮވެން، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އަނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި، އޭނާ އަބަދުވެސް މަސައްކަތްކުރަނީ ފިޒިކަލީ އެންމެ ރަނގަޅު ހާލަތުގައި ހުރެ ބުރަކޮށް މަސައްކަތްކޮށް ކުޅުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

ބޮވެން ބުނީ، ފުރަތަމަ ހާފުގައި ލިބުނު މި އަނިޔާގެ ސަބަބުން އުނދަގޫތައް ކުރިމަތިވުމުން އިތުރަށް ކުޅުން ކުރިއަށްގެންދަން މަސައްކަތްކުރުމުން އެކަން ކުރެވޭ ގޮތް ނުވުމުން ދެވަނަ ހާފުގެ ކުރީކޮޅު ދަނޑުން ފައިބަން ޖެހުނީ ކަމަށެވެ.

މިދިޔަ އަހަރުތަކުގައި ވެސްޓް ހޭމްގެ އެޓޭކުގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ބޮވެން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުގައި ފަސް ލަނޑުޖަހައި، އިތުރު ހަތަރު ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ވެސްޓް ހޭމަށް ލީގުގައި ދެން އެންމެ އަވަހަށް އޮތީ މި މަހުގެ 4 ވަނަ ދުވަހު ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، މި މަހުގެ 11 ވާ ހޮނިހިރު ދުވަހު އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރަށުން ބޭރުގައި އެ ޓީމު ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު