ENGLISH

18 އޭޕްރީލު 2025

Advertisement

ވުލްވްސްގެ ކޫންޔާ އަށް ދެ މެޗުގެ ސަސްޕެންޝަނެއް

01 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ވުލްވްސްގެ ފޯވާޑް، ކޫންޔާ. --ފޮޓޯ: ގެޓީ އިމޭޖަސް

މިދިޔަ މަހު އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗަކަށް ފަހު އެ ކުލަބުގެ މުވައްޒަފަކާ ޖެހުނު މައްސަލައެއްގައި ވުލްވްސްގެ ފޯވާޑް، މަތެއުސް ކުންޔާގެ އަމަލުތައް ބެހެއްޓިގޮތުގެ ސަބަބުން އިނގިރޭސި އެފްއޭ އިން އޭނާ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ކޫންޔާ ވަނީ، ލީގުގައި މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އިޕްސްވިޗް އަތުން 2-1 އިން ވުލްވްސް ބަލިވި މެޗަށްފަހު އިދިކޮޅު ޓީމުގެ މުވައްޒަފެއްގެ ކޮނޑުގައި އުޅަނބޮށިން ޖަހައި، އޭނާގެ އައިނު އަތުލާފައެވެ.

ކޫންޔާގެ މި ޢަމަލުތަކުގެ ސަބަބުން އެފްއޭ އިން ވަނީ، ދެ މެޗަށް ސަސްޕެންޑްކުރުމަށްފަހު ގާތްގަނޑަކަށް 80 ހާސް ޕައުންޑް (100،296 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފައެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ކޫންޔާ އަށް ވުލްވްސް ދެން ކުޅޭ ދެ މެޗު ގެއްލޭނެ އެވެ. އެ ޓީމަށް ދެން އެންމެ އަވަހަށް ކުޅެން އޮތީ ލީގުގައި ނޮޓިންގހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗާއި، އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ބްރިސްޓޯލް ސިޓީއާ ބައްދަލުކުރާ މެޗެވެ.

ކޫންޔާގެ ފަރާތުން ހަމަނުޖެހުން ހިންގި މެޗަށްފަހު ވުލްވްސްގެ އޭރުގެ ކޯޗު، ގެރީ އޯނީލް އާއި އޭނާގެ ކޯޗިންގ ސްޓާފުން ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެފަހުން، ވުލްވްސްގެ ކޯޗުގެ މަގާމަށް ވިޓޯ ޕެރޭރާ ހަމަޖައްސާފައިވާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުވެސް ވަނި ކާމިޔާބުކޮށްފައެވެ.

ކޫންޔާ އަށް ކުރިމަތިވި ސަސްޕެންޝަނުގެ ސަބަބުން ވުލްވްސް އަށް އޭގެ ނޭދެވޭ އަސަރުކުރުން ވަރަށް ބޮޑެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކޫންޔާ ވަނީ ލީގުގައި ކުޅުނު 19 މެޗުގައި 10 ލަނޑުޖަހައިދީފައެވެ. އަދި، މިވަގުތު ރެލިގޭޝަން ޒޯނާ ވުލްވްސް ދެމެދު އެއް ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ކުރިއަށް އޮތް ފޮރެސްޓް މެޗަކީ ކޫންޔާ ނެތި އެ ޓީމަށް ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑު މެޗެވެ. ފޮރެސްޓުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމު މި ވަގުތު އުޅެނީ ލީގުގެ ދެވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު