ENGLISH

18 އޭޕްރީލު 2025

Advertisement

ޕްލައިމަތުގެ ކޯޗުގެ މަގާމުން ރޫނީ ވަކިވެއްޖެ

31 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ޕްލައިމަތުގެ ކުރީގެ ކޯޗު، ރޫނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަކުރާ ޕްލައިމަތު އާގައިލްގެ ކޯޗުގެ މަގާމުން ކުރީގެ ލެޖެންޑަރީ ފޯވާޑް، ވޭން ރޫނީ ވަކިވެއްޖެއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އުމުރުން 39 އަހަރުގެ ރޫނީ މަގާމުން ވަކިވެފައިވަނީ ކްލަބާއެކު އެއްބަސްވުމަކަށް އައިސްގެންނެވެ.

މެންޗެސްޓަރ ޔުނައިޓެޑާއެކު ވިދާލި ކުރީގެ ފޯވާޑް، ރޫނީގެ އިރުޝާދުގެ ދަށުން އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅުނު 23 މެޗުގެ ތެރެއިން ޕްލައިމަތު މޮޅުވީ އެންމެ ހަތަރު މެޗުންނެވެ. ތޭރަ މެޗުން ބަލިވިއިރު، އަނެއް ހަ މެޗުން ވީ އެއްވަރެވެ.

ކޯޗުގެ މަގާމު ރޫނީ ދޫކޮށްލިއިރު އެ ޓީމު އޮތީ ދެވަނަ ޑިވިޝަނުގެ އެންމެ ފުލުގައެވެ. މުޅިއެކު 24 ޓީމު ހިމެނޭ ޗެމްޕިއަންޝިޕްގައި ޕްލައިމަތު ކުޅުނު 23 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

މީގެއިތުރުން، ސީޒަނުގެ މިހާ ހިސާބަށްއައިއިރު ދެވަނަ ޑިވިޝަނުގައި އެންމެ މަދުން ލަނޑުޖަހާފައިވާ ޓީމަކީ ވެސް ޕްލައިމަތު އެވެ. އަދި، އިނގިރޭސި އެންމެ މަތީ ހަތަރު ޑިވިޝަނުގައި ހިމެނޭ ކުލަބުތަކުގެ ތެރެއިން ބައިކޮޅަށް އެންމެ ގިނަ ލަނޑު ވަދެފައިވަނީ ވެސް ޕްލައިމަތު ކޮޅަށެވެ.

މީގެކުރީން، ޑާބީ ކައުންޓީ އަށް ވެސް އިރުޝާދުދީފައިވާ ރޫނީ، ޕްލައިމަތުގެ ކޯޗުގެ މަގާމަށް އައީ ބާމިންހަމް ސިޓީގެ ކޯޗުކަމުން ވަކިކުރިތާ ހަތަރުވަރަކަށް މަސް ފަހުންނެވެ. ބާމިންހަމްގައި ހޭދަކުރި މުއްދަތުގައި އެ ޓީމު ކުޅުނު 15 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ ބަލިވެފައެވެ.

ރޫނީގެ އިރުޝާދުގެ ދަށުން އެންމެ ފަހުން މި ހަފްތާގެ އާދީއްތަ ދުވަހު އޮކްސްފޯޑް ޔުނައިޓެޑާ ދެކޮޅަށް ޕްލައިމަތު ކުޅުނު މެޗުން 2-0 އިން ބަލިވިއިރު، އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު