ENGLISH
18 އޭޕްރީލު 2025
އޮލްމޯ ރަޖިސްޓްރީކުރުމަށް ހުށަހެޅި ދެވަނަ އެޕީލް ވެސް ބާސާ އަށް ނާކާމިޔާބު
31 ޑިސެމްބަރު 2024
|
ބާސެލޯނާގެ މިޑްފީލްޑަރު، އޮލްމޯ. --ފޮޓޯ: ރޮއިޓާސް
ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު، ޑަނީ އޮލްމޯ ރަޖިސްޓްރީކުރުމަށް ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.
މިދިޔަ އޮގަސްޓް މަހު ގާތްގަނޑަކަށް 55 މިލިއަން ޔޫރޯ (57.39 މިލިއަން އެމެރިކާ ޑޮލަރު) ގެ ޓްރާންސްފާ ފީއަކަށް އާރްބީ ލީޕްޒިގުން އޮލްމޯ ގެނައި ނަމަވެސް، ސްޕެނިޝް ލީގުގެ މުސާރައިގެ ޤަވާއިދުތަކުގެ މިންގަނޑަށް ނުފެތޭތީވެ، ބާސެލޯނާ އަށް އެ ކުޅުންތެރިޔާ ފުރިހަމަ އަށް ރަޖިސްޓްރީ ކުރެވޭ ގޮތެއް ނުވިއެވެ.
އޮލްމޯ ބާސެލޯނާ ސްކޮޑުގައި ސީޒަނުގެ ފުރަތަމަ ބަޔަށް ރަޖިސްޓްރީ ކުރުމުގެ ގޮތުން އެ ކްލަބުން ވަނީ، އަނިޔާގައި ތިބި ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކޮށްފައެވެ. އޭރު ލަލީގާ އިން އެ ފުރުޞަތު ދޭން ނިންމީ އޮގަސްޓުން ފެށިގެން މި ޑިސެންބަރު މަހުގެ ނިޔަލަށެވެ.
އެހެންކަމުން، މި ސީޒަނުގައި ދެން ބާކީ އޮތް ބައިގައި ބާސެލޯނާގެ ސްކޮޑުގައި އޮލްމޯ ރަޖިސްޓްރީކުރުމަށްޓަކައި ފާއިތު ހަފްތާގައި އިސްތިޢުނާފު ކުރުމަށް ހުށަހެޅުމުން ކޯޓުން އެ މައްސަލަ ބޭރުކޮށްލިއިރު، އޭގެ ހަތަރުވަރަކަށް ދުވަސްފަހުން ވެސް ސްޕެއިނުގެ ދެވަނަ ކޯޓަކުން ވަނީ އިސްތިޢުނާފު ބާޠިލްކޮށްފައެވެ.
މިއާއެކު، ރަޖިސްޓްރީކުރުމުގައި ބާސެލޯނާ އަށް ކާމިޔާބު ނުހޯދިއްޖެނަމަ ކުރިއަށް އޮތް ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮލްމޯ އަށް އެ ޓީމަށް ނުކުޅެވޭނެ އެވެ. އަދި، އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކުލަބަކަށް ބަދަލުވުމުގެ އިހުތިޔާރު އޮންނާނެ އެވެ.
މި މައްސަލައިގައި ކޯޓުން ބާސެލޯނާއާ ދެކޮޅަށް ނިންމައިފި ނަމަ، ޕްލޭން ބީގެ ގޮތުގައި އެ ކުލަބުގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ވީއައިޕީ ބޮކްސް ވިއްކާލުމަށް ތައްޔާރަށް އޮތްއިރު، އެކަން އެގޮތަށް ކުރެވެން އޮތީ ވެސް ލަލީގާގެ ހުއްދަ ލިބިގެންނެވެ.
އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އޮލްމޯ ވަނީ ހުރިހާ މުބާރާތެއްގައި އެ ޓީމަށް ކުޅެދިން 15 މެޗުގައި ހަ ލަނޑު ޖަހައިފައެވެ.
ލީގުގެ ކުރީކޮޅު ތަފާތު މޮޅު ކުޅުމެއް ދެއްކި ބާސެލޯނާ މި ވަގުތު އޮތީ ތާވަލްގެ އެއްވަނައިގައި އުޅޭ އެތުލެޓިކޯ މެޑްރިޑަށް ވުރެ ތިން ޕޮއިންޓް ފަހަތުން ތިން ވަނައިގައެވެ.