ENGLISH
18 އޭޕްރީލު 2025
ނިއުކާސަލް އަތުން ވެސް ޔުނައިޓެޑް ބަލިވެއްޖެ
31 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ރޭ ވާދަކޮށް 2-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.
ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. މި ޑިސެންބަރު މަހު ލީގުގައި އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ. މޮޅުވީ އެންމެ ދެ މެޗުންނެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ނިއުކާސަލުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައެވެ. އެ ޓީމަށް މި ލަނޑުތައް ކާމިޔާބުކޮށްދިނީ އަލެކްސެންޑާ އިސާކް އާއި ޖޮއެލިންޓަން އެވެ.
މިއީ ލީގުގައި ޔުނައިޓެޑްގެ ދަނޑުގައި މިދިޔަ 50 އަހަރުގެ ތެރޭގައި އެ ޓީމާ ދެކޮޅަށް ނިއުކާސަލް ކުޅުނު 40 މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ.
މީގެއިތުރުން، މިއީ 1979 ވަނަ އަހަރުގެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ ތާވަލްގެ 14 ވަނައިގައެވެ. ޔުނައިޓެޑް މިހާތަނަށް ކުޅުނު 19 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.
މި މެޗުން މޮޅުވި ނިއުކާސަލް ވަނީ 19 މެޗުން 32 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ފަސްވަނަ އަށް ޖެހިލާފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމު ވަނީ 2-2 އިން ބްރައިޓަންއާ އެއްވަރުވެފައެވެ.