ENGLISH
18 އޭޕްރީލު 2025
ސިފައިންނާއި އެޗްޑީސީ އަށް މުބާރާތުގެ ދެވަނަ މޮޅު
31 ޑިސެމްބަރު 2024
|
ސިފައިންނާ ބްލޫސް ފޯރ ވޮލީބޯލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އަމަން ލަތީފު / އެމްއެމް
މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ލީގުގައި ދިވެހި ސިފައިންގެ ކުލަބާއި، ކުލަބް އެޗްޑީސީން ދެވަނަ މޮޅު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން ދިވެހި ސިފައިންގެ ކުލަބު ވަނީ ސީދާ ތިން ސެޓުން ބްލޫސް ފޯރ ވޮލީބޯލް ބަލިކޮށްފައެވެ.
އެންމެ ފަހުގެ ލީގު ޗެމްޕިއަން، ސިފައިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބުކުރީ 25-22، 25-14، އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ސެޓަރު، ހުސައިން ޝާހިދު (ޝާޑު) އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެޗްޑީސީން ވަނީ ސްޕޯޓްސް ކުލަބު ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ.
އެޗްޑީސީން މި މެޗުގެ ސެޓުތައް ގެންދިޔައީ، 25-19، 26-24، އަދި 25-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޕާކިސްތާން ކުޅުންތެރިޔާ، މުބައްޝަރު ރަޒާ އެވެ.
ޤައުމީ ވޮލީ ލީގުގައި ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި މާދަމާ ހަވީރު ސިފައިންގެ ކުލަބު ނުކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ. މާދަމާ ރޭގެ މެޗުގައި އެޗްޑީސީ ބައްދަލުކުރާނީ ބްލޫސް ފޯރ ވޮލީބޯލްއާ އެވެ.
މުބާރާތުގެ ފަހު މެޗުތައް ކުރިއަށްދާނީ ޖަނަވަރީ މަހުގެ 2 ވާ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބުން ސިޓީއާ ދެކޮޅަށް ނުކުންނައިރު ފަހު މެޗުގައި އެޗްޑީސީ ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ.