ENGLISH
18 އޭޕްރީލު 2025
ނަޕޯލީ މޮޅުވެ، އެޓަލާންޓާއާ އަރާހަމަކޮށްފި
30 ޑިސެމްބަރު 2024
|
ރޭގެ މެޗަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ފަހު ހާފުގައި ޖިއަކޮމޯ ރަސްޕަޑޯރީ ވައްދާލި ލަނޑާއެކު، ވެނެޒިއާ 1-0 އިން ބަލިކޮށް އެއްވަނައިގައި އުޅޭ އެޓަލާންޓާއާ ޕޮއިންޓްގެ ގޮތުން ނަޕޯލީ އެއްވަރުކޮށްފިއެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ އެޓަލާންޓާ އެވެ. އެޓަލާންޓާގެ އިތުރުން ދެވަނައިގައި އުޅޭ ނަޕޯލީ އަށް ވެސް 18 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. އެޓަލާންޓާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް އިންޓަރ މިލާނަށް 17 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އިންޓަރ އަށް ބާކީ އޮތް މެޗު ކާމިޔާބުކޮށްގެން އެއްވަނަ އަށް އެރޭނެ އެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގައިދޭން އެ ޓީމަށް ރަނުގެ ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. މި ހާފު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ނަޕޯލީގެ ބެލްޖިއަމް ފޯވާޑް، ރޮމެލޫ ލުކާކޫ ފޮނުވާލި ބޯޅަ ވެނެޒިއާގެ ގޯލްކީޕަރު، ފިލިޕް ސްޓެންކޮވިޗް ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 79 ވަނަ މިނެޓުގައި ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ އިޓަލީގެ ފޯވާޑް، ރަސްޕަޑޯރީ އެވެ. ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އަށް މިނެޓުގެތެރޭގައި ރަސްޕަޑޯރީ މި ލަނޑުޖެހީ ވެނެޒިއާގެ އެންޓޯނިއޯ ކަންޑޭލާ އަތުން ގެއްލުނު ބޯޅައެއް ހޯދައި، އެއް ފަހަރުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ޔުވެންޓަސްގެ ދަނޑުގައި އެޓީމުން ވަނީ 2-2 އިން ފިއޮރެންޓީނާއާ އެއްވަރުކޮށްފައެވެ. މި މެޗުގައި ޔުވެންޓަސްގެ ދެލަނޑުވެސް ޖަހައިދިނީ ހެފްރެން ތުރާމް-އުލިއެން އެވެ. ފިއޮރެންޓީނާގެ ލަނޑުތައް ޖަހައިދިނީ މޮއިޒް ކީން އާއި ރިކާޑޯ ސޮޓިލް އެވެ.
އޭސީ މިލާންގެ ދަނޑުގައި އެ ޓީމުން ވަނީ 1-1 އިން އޭއެސް ރޯމާއާ އެއްވަރުވެފައެވެ. މި މެޗުގައި މިލާންގެ ނެދަލެންޑްސް މިޑްފީލްޑަރު، ޓިޖާނީ ރެއިންޑާސްގެ ގޯލުން ލީޑު ނަގާފައިވަނިކޮށް، ރޯމާ އަށް އެއްވަރުކޮށްދިނީ ޕައުލޯ ޑިބާލާ އެވެ.