ENGLISH

18 އޭޕްރީލު 2025

Advertisement

ގާޑިއޯލާގެ 500 ވަނަ މެޗުން މޮޅުވެ، ސިޓީ އަށް ހިތްހަމަޖެހުމެއް

30 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ސިޓީގެ ކޯޗު، ގާޑިއޯލާ (ކ) އާއި ހާލަންޑް. --ފޮޓޯ: ގެޓީ އިމޭޖަސް

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު 500 ވަނަ މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އަށް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސިޓީ ކުޅުނު މި މެޗުން ވަނީ 2-0 އިން ލެސްޓަރ ސިޓީ ބަލިކޮށްފައެވެ.

މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރު ވެސް މެއެވެ. އޭގެތެރެއިން، ފަސް މެޗުން ބަލިވިއިރު، އަނެއް ތިން މެޗުން ވީ އެއްވަރެވެ.

ކިންގޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ވިންގް، ސަވީނިއޯ އެވެ.

ދެވަނަ ހާފުގައި ސިޓީގެ ދެވަނަ ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް، އާލިން ހާލަންޑް އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ 19 މެޗުން 31 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ފަސްވަނަ އަށް ޖެހިލައިފައެވެ. އެންމެ ކުރީގަ އުޅޭ ލިވަޕޫލާއި ސިޓީ ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ލިވަޕޫލަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 18 މެޗުން 45 ޕޮއިންޓެވެ. ދެވަނައިގައި މިވަގުތު އޮތް ނޮޓިންގހަމް ފޮރެސްޓަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އާސެނަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓްނަމް ހޮޓްސްޕަރގެ ދަނޑުގައި އެ ޓީމުން ވަނީ 2-2 އިން ވުލްވްސްއާ އެއްވަރުވެފައެވެ.

ފުލަމްގެ ދަނޑުގައި އެ ޓީމުން 2-2 އިން ބޯންމަތުއާ އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން ކްރިސްޓަލް ޕެލަސް މޮޅުވީ 2-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު