ENGLISH

18 އޭޕްރީލު 2025

Advertisement

ސިފައިން މޮޅަކުން ފެށިއިރު، ދެވަނަ މެޗުން ވެސް ޕޮލިސް ބަލިވެއްޖެ

30 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ސިޓީ އަތުން މޮޅުވުމުން ސިފައިންގެ ކްލަބުން އުފާ ފާޅުކުރަނީ. --ފޮޓޯ: އެމްއެމް

ޤައުމީ ވޮލީބޯލް ލީގުގެ ފިރިހެން ޑިވިޝަނުގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން ސިޓީ ސްޕޯޓްސް ކުލަބު ބަލިކޮށް، މޮޅަކާއެކު ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ދިވެހި ސިފައިންގެ ކުލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. 

މި މެޗުގެ ސެޓުތައް ސިފައިންގެ ކްލަބުން ކާމިޔާބުކުރީ 25-18، 25-17، އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ ހުސެއިން ރައްޒާން އެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޕޮލިސް ކުލަބު އަތުން ބްލޫސް ފޯރ ވޮލީބޯލް ވަނީ ފަސް ސެޓު ކުޅެގެން މޮޅުވެފައެވެ. މި މެޗުން ބްލޫސް ފޯރ ވޮލީބޯލް މޮޅުވީ 3-2 ސެޓުންނެވެ.

މުބާރާތުގައި ޕޮލިހާއި ބްލޫސް ފޯރ ވޮލީބޯލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް

ފޯރިގަދަކޮށް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު 25-22 އާއި 25-23 އިން ޕޮލިސް ކްލަބު ކާމިޔާބުކުރި ނަމަވެސް، ބްލޫސް ފޯރ ވޮލީބޯލް ޓީމުން ވަނީ ދެންޖެހިގެން ކުޅުނު ދެ ސެޓު ގެންގޮސް، ނަތީޖާ ނެރުމަށް ފަސްވަނަ ސެޓަކަށް ގެންގޮސްފައެވެ.

މި މެޗުގެ ތިންވަނަ ސެޓުން 25-20 އިން ބްލޫސް ފޯރ ވޮލީބޯލް ކުރިހޯދިއިރު، ދެން ޖެހިގެންއައި ހަތަރުވަނަ ސެޓުން އެ ޓީމު މޮޅުވީ 25-23 އިންނެވެ. އަދި އެއަށްފަހު، ދެން ކުޅުނު ފަސްވަނަ ސެޓުން ބްލޫސް ފޯރ ވޮލީބޯލް ކުރިހޯދީ 15-09 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބްލޫސް ފޯރ ވޮލީބޯލްގެ ކޭ.ޕީ ޗަންދްރަސިރީ އަސުރައްޕުލިގެ އެވެ.

ޤައުމީ ވޮލީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ޕޮލިހަށް ބާކީ އޮތީ ސިފައިންނާއި، ސިޓީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މިރޭ ސިފައިންގެ ކުލަބު ނުކުންނާނީ ބްލޫސް ފޯރ ވޮލީބޯލްއާ ދެކޮޅަށެވެ. 

ކިޔުންތެރިންގެ ހިޔާލު