ENGLISH
24 ޖުލައި 2026
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި
24 ޖުލައި 2026
|
ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީ ކުރި ސަރަހައްދު - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.
އާންމުންނަށް ހުޅުވާލާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އެމްއެމްއޭއާ ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދެވެ.
އެމްޓީސީސީ އިން ބުނީ ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދި ކުދި މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މާލޭ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގައި ގަސް އިންދުމުގެ ޙަރަކާތެއްވެސް އިއްޔެ ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މާލެ ނޯތު ހާބަރާއި ހަމައަށް މުޅިއަކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.
މިއީ، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން އެމްއެމްއޭ ސަރަހައްދާއި ހަމައަށް އަލަށް ނިމިފައިވާ ސަރަހައްދު ފެހިކޮށް ޒީނަތްތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހަމައެހެންމެ، 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފައްޓަވައިދެއްވި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ބޮޑުތަކުރުފާނު މަގުގެ މި ބައި ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ގާއިމުކޮށްފައެވެ.