ENGLISH

21 އޭޕްރީލު 2025

Advertisement

ޑިސެމްބަރު މަހުގެ ޢުމްރާއަށް 6،373 އަށްވުރެ ގިނަ ދިވެހިން ސަޢުދީއަށް: ރެކޯޑް ޢަދަދެއް

29 ޑިސެމްބަރު 2024

|

އާމިނަތު ޔުމްނާ

ރާއްޖޭގެ ޢުމްރާ ވެރިން ސަޢުދީ އަރަބިއާގައި

މި އަހަރުގެ ޑިސެމްބަރު މަހު ޢުމްރާއަށް ދިޔަ ދިވެހިންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެއްޖެ އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެމްބަރު މަހު 6،373 އަށްވުރެ ގިނަ ދިވެހިން ޢުމްރާގެ އަޅުކަމަށް ސަޢުދީ އަށް ދަތުރުކުރާނެ ކަމަށެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޢުމްރާގެ އަޅުކަމަށް ދިޔަ ދިވެހިންނާ އަޅާބަލާއިރު 44.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2022 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ޢުމްރާއަށް ގޮސްފައިވަނީ 4،403 މީހުންނެވެ.

ފަހަކަށް އައިސް ސްކޫލް ޗުއްޓީއާ ދިމާކޮށް ގިނަ އާއިލާތަކުން ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންނާއި އެކު ސްކޫލް ޗުއްޓީގައި އުމްރާ ދަތުރުގައި ބައިވެރިވެއެވެ.

މައްކާގައި ތިބި ދަތުރުވެރިން ދަތުރާ ގުޅޭ ގޮތުން އެކި ޚިޔާލުތައް ފާޅުކޮށްފައިވެއެވެ.

"މައްކާގެ މާހައުލު ފިނިކަމުން ކުޑަކުދިންނަށްނވެސް އަޅުކަންތައް ފަސޭހަކަމާއެކު އަދާކުރެވުނު، ބައެއް ދުވަސް ދުވަހު ކޮންމެސް ވަރަކަށް ވާރޭ ވެސް ވެހޭ. ތަފާތު ތަޖުރިބާއަކަށްވީ." - އަބްދުއްﷲ މުޙައްމަދު

ޢުމްރާގެ އަޅުކަމަށް މިދުވަސްރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ޖަމާވެފައިވާތީ މައްކާ އަދި މަދީނާގެ މުގައްދަސް މިސްކިތްތައް ވަނީ ތޮއްޖެހިފައެވެ.

"މީހުންވަރަށް ގިނަ ، އެކަމަކު އެއްވެސް ދަތިކަމެއް ނެތި އަޅުގަނޑުމެންނާއި އެކު އުމްރާއަށް ދިޔަ ހުރިހާ ފަރާތްތަކަށް ވެސް އުމްރާ ކުރެވޭނެ މަގު ތަނަވަސްވި." - އަޙްމަދު ރަޝީދު

ދަތުރު އިންތިޒާމް ކުރި ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ދަތުރުގައި ދިމާވި ގޮންޖެހުންތައް ވަރަށް މަދެވެ. ގެއްލުނު ދެ މީހަކު ހަމަ އެ ދުވަހު ހޯދާފައިވާ ކަމަށް ގްރޫޕްތަކުން ބުންޏެވެ. 

އުމްރާއަށް ދަތުރު އިންތިޒާމްކުރާ ފަރާތެއް ކަމަށްވާ "ޓްރެވަލަރ" ގްރޫޕުން އެމްއެމްއަށް މަޢުލޫމާތު ދެއްވި ގޮތުގައި އެބޭފުޅުންގެ ހަވާލުގައި ޑިސެމްބަރު މަހު 600 އުމްރާވެރިން ވަނީ މައްކާ އަށް ދަތުރުކޮށްފައެވެ.

"އަޅުގަނޑު ފިރިމީހާއާ އެއްކޮށް އުމްރާއަށް މިއައީ ޓްރެވަލރ ގްރޫޕާއި އެއްކޮށް، އިންތިޒާމްތައް ވަރަށް ރަނގަޅު ، ކެއުމާއި ހުރުމުގެ ކަންކަންވެސް ވަނީ ވަރަށް ރަނގަޅަށް ހަމަޖައްސައިދެއްވާފައި. ހުރިހާ އިންތިޒާމްތަކެއް ވެސް ވަރަށް ފުރިހަމަ، މީހުން ގިނަ ނަމަވެސް އަޅުކަން އަދާކުރުމަށް އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވޭ." - ފާތިމަތު ޝާކިރާ

ދިވެހި ރާއްޖޭގައި ޢުމްރާ ދަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމަކީ ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވުމާއި ރާއްޖޭގައި އިސްލާމްދީނުގެ އަސްލުތައް ވަރުގަދަކަން ދައްކުވައިދޭ ކަމެކެވެ. ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރުތަކުގެ ކާމިޔާބީއަކީ ސަރުކާރާއި ރާއްޖޭގައި އުމްރާ ދަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުން ދަތުރުވެރިންނަށް ފުރިހަމަ އަދި މަތިވެރި ތަޖުރިބާއެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ހެއްކެކެވެ.

ދެހާސް ސައްވީސް ވަނަ އަހަރުގެ ޑިސެމްބަރ މަހު ޢުމްރާއަށް ދިޔަ ދިވެހިންގެ ޢަދަދު އިތުރުވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ އަޤީދާގެ ވަރުގަދަކަމާއި، ދަތުރުފަތުރުގެ ދާއިރާގެ ކުރިއެރުމާއި، އަދި ޢާއިލާތަކުގެ ރޫޙާނީ ލޯބި ދައްކުވައިދޭ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު