ENGLISH
22 ޖުލައި 2026
އެންތަނީ ޓޭލާ ރެފުރީކަމުން ރިޓަޔާކުރިކަން އިއުލާންކޮށްފި
22 ޖުލައި 2026
|
ފީފާ ވޯލްޑް ކަޕް 2026 ގެ ތެރެއިން ރެފުރީ އެންތަނީ ޓޭލާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
20 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ޖުމްލަ 831 މެޗެއްގައި އިންސާފުކުރުމަށްފަހު، މަޝްހޫރު އިނގިރޭސި ރެފުރީ އެންތަނީ ޓޭލާ ރިޓަޔާކުރިކަން އިއުލާންކޮށްފިއެވެ.
އުމުރުން 47 އަހަރުގެ ޓޭލާ މި ދާއިރާއިން ވަކިވާން ނިންމީ، ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރި މެޗުގައި ރެފުރީކަން ކުރުމަށްފަހުއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ޓޭލާ ބުނެފައިވަނީ، "ދުނިޔޭގެ އެންމެ މަތީ ފަންތީގައި ރެފުރީކަން ކުރުމުގެ ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ނަމަވެސް މިއީ އިންތިހާއަށް ފިއްތުންތަކާއި ފާޑުކިޔުންތައް ކުރިމަތިވާ ވަޒީފާއެއް،" ކަމަށެވެ. އަދި މިހާރު މިއީ ރެފުރީކަމުގެ ދާއިރާއާ ދުރަށްޖެހި، ކެރިއަރުގެ އައު ބާބަކަށް ފިޔަވަޅު އެޅުމަށް އެންމެ މުނާސަބު ވަގުތު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޓޭލާ ވަނީ ޕްރިމިއަރ ލީގުގައި 16 ސީޒަން ހޭދަކޮށް، ޖުމްލަ 432 މެޗެއްގައި ރެފުރީކަން ކޮށްފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުގެ އެންމެ މުހިންމު ކަޕް ފައިނަލްތަކުގައިވެސް އޭނާ ވަނީ ރެފުރީކަން ކޮށްފައެވެ. މީގެ ތެރޭގައި 2017 އާއި 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލާއި، 2015 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލާއި، 2015 ވަނަ އަހަރުގެ ކޮމިއުނިޓީ ޝީލްޑް މެޗުގެ އިތުރުން 2018 ވަނަ އަހަރުގެ ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލް ހިމެނެއެވެ.
އިނގިރޭސިވިލާތުގެ އެންމެ ފުންނާބުއުސް ރެފުރީންގެ ތެރޭގައި ހިމެނޭ ޓޭލާ ވަނީ ފީފާގެ އިންޓަރނޭޝަނަލް ރެފުރީންގެ ލިސްޓުގައި 14 އަހަރު ހޭދަކޮށްފައެވެ. މި މުއްދަތުގައި އޭނާ ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތައް ކަމަށްވާ ވޯލްޑް ކަޕް (2022 އަދި 2026)، ޔޫރޯ ފުޓްބޯޅަ މުބާރާތް (2020 އަދި 2024) އަދި ފީފާ ކުލަބު ވޯލްޑް ކަޕް (2022 އަދި 2025) ގައި ރެފުރީކަން ކޮށްފައެވެ.