ENGLISH
22 ޖުލައި 2026
ގާޑިއޯލާއާއެކު މަޝްވަރާތައް ބޭއްވިކަން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަށަވަރުކޮށްދެއްވައިފި
22 ޖުލައި 2026
|
މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
އިޓަލީގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމާ ގުޅޭގޮތުން ޕެޕް ގާޑިއޯލާއާއެކު މަޝްވަރާކޮށްފައިވާކަން އެ ޤައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖިއޮވާނީ މަލާގޯ ކަށަވަރުކޮށްދެއްވައިފިއެވެ.
އިނގިރޭސިވިލާތުގައި ހޭދަކުރި ކާމިޔާބު 10 އަހަރަށްފަހު، ގާޑިއޯލާ މެންޗެސްޓަރ ސިޓީ ދޫކޮށްލީ މިދިޔަ ސީޒަން ނިމުމުންނެވެ. ސިޓީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ހަ ފަހަރު އިނގިރޭސި ޕްރިމިއަރ ލީގު، ތިން ފަހަރު އެފްއޭ ކަޕް، ފަސް ފަހަރު ލީގު ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
ޖެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅުނު އިޓަލީ ޓީމު، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމާ ގުޅިގެން އޭޕްރީލް މަހު އޭނާ އިސްތިއުފާ ދިނުމުން، އެ ޤައުމުގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން އުމުރުން 55 އަހަރުގެ ގާޑިއޯލާއާ ގުޅުން ގާއިމުކޮށްފައިވާކަން "ސްކައި ސްޕޯޓްސް" އިން އެންމެ ފުރަތަމަ ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އިޓަލީގެ ކުޅިވަރު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މަލާގޯ ވިދާޅުވީ ގާޑިއޯލާއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އޭނާގެ މުސާރައިގެ ކަންކަމުގައި "އިސްތިސްނާ" ގޮތްތަކެއް ހަމަޖައްސައިދެވިދާނެ ކަމަށެވެ.
"މާލީ ގޮތުން އިސްތިސްނާ ހާލަތްތަކެއް އެބަހުރި. މިސާލަކަށް މި ވަގުތު އެންމެ ބޮޑަށް ދެކެވޭ ޕެޕް ގާޑިއޯލާ ފަދަ ނަމަކަށްޓަކައި އެފަދަ ޚާއްސަ ގޮތްތަކެއް ހަމަޖެއްސިދާނެ،" މަލާގޯ ވިދާޅުވިއެވެ. "އެކަމަކު މިއީ އަދި މުޅިން ނިމިފައިވާ ކަމެއް ނޫން."
ގާޑިއޯލާގެ އިތުރުން އިޓަލީގެ ކޯޗުގެ މަގާމަށް ދެން އެންމެ ބޮޑަށް ބެލެވެނީ މީގެ ފަސް އަހަރު ކުރިން އެ ޤައުމަށް ޔޫރޯ 2020 ކާމިޔާބުކޮށްދިން ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ އާއި، މިހާރު ދުބާއީ ޔުނައިޓެޑުގެ ކޯޗަކަށް ހުރި އެންޑްރިއާ ޕިރްލޯއަށެވެ. މި ތިން މީހުން ނޫން އެހެން ކެންޑިޑޭޓުން އެބަތިބިތޯ ސުވާލުކުރުމުން މަލާގޯ ވިދާޅުވީ އެއީ ހަމައެކަނި ތިބި ނަންތައް ނޫން ކަމަށާއި، ނަމަވެސް އެ ބޭފުޅުންނަކީ އިޓަލީން ބޭނުންވާ ފެންވަރުގެ ކޯޗުން ކަމަށެވެ.
އިޓަލީގެ ފުޓްބޯޅަ ތާރީޚަށް ބަލާއިރު، ދެ ފަހަރެއްގެ މަތިން މެނުވީ އަބަދުވެސް އެ ޤައުމުގެ ޤައުމީ ޓީމަށް އިރުޝާދު ދީފައިވަނީ އިޓަލީގެ ކޯޗުންނެވެ. އެގޮތުން 1950 ގެ އަހަރުތަކުގައި ހަންގޭރީގެ ލާޖޯސް ކްޒެއިޒްލާ އަދި 1960 ގެ އަހަރުތަކުގައި އާޖެންޓީނާގެ ހެލީނިއޯ ހެރޭރާ ވަނީ އިޓަލީގެ ކޯޗުކަން ކޮށްފައެވެ.
ގާޑިއޯލާ މީގެ ކުރިން އިޓަލީގެ އެއްވެސް ކުލަބަކަށް ކޯޗުކަން ކޮށްދީފައި ނުވި ނަމަވެސް، އޭނާއަކީ އިޓަލީ ބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގޭ މީހެކެވެ. އޭނާ ވަނީ 2001 އިން 2003 އަށް އިޓާލިއަން ލީގުގެ ބްރެޝިއާ އަދި ރޯމާއަށް ކުޅެފައެވެ.