ENGLISH

22 ޖުލައި 2026

Advertisement

ލިވަޕޫލްގެ ހިއްސާ ގަތުމަށް ޝައުގުވެރިވާ ގްރޫޕަކާއެކު ބޭޒޯސް މަޝްވަރާތަކެއް ބާއްވައިފި

22 ޖުލައި 2026

|

އިސްމާއިލް ޝާހު

އެމެޒޯންގެ ފައުންޑަރ ޖެފް ބޭޒޯސް --- ފޮޓޯ: ރޮއިޓަރސް

ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިންޑިއާގެ އަމިތު ބާޓިއާގެ ކޮންސޯޓިއަމްއާ ގުޅުމާ ބެހޭގޮތުން އެމެޒޯންގެ ފައުންޑަރ ޖެފް ބޭޒޯސް އާއެކު މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބޭޒޯސް މި ގުރޫޕާ ގުޅިވަޑައިގެންފާނެ ކަމަށް ބެލެވެއެވެ. މި ގުރޫޕް އިސްކޮށް ހިންގަވަނީ އިނގިރޭސި-އިންޑިއާ ދަރިކޮޅުގެ ވިޔަފާވެރިޔާ އަމިތު ބާޓިއާއެވެ. އޭނާއަކީ ދަގަނޑުގެ ވިޔަފާރީގައި މަޝްހޫރު ބިލިޔަނަރު ލަކްޝްމީ މިއްތަލްގެ ދަނބިދަރިފުޅެވެ.

"ސްކައި ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޭޒޯސް މިކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، މި މަޝްރޫއާއިގެން ކުރިއަށް ވަޑައިގަންނަވާނެކަމުގެ ކަށަވަރުކަމެއް އަދި ނެތެވެ. "ފޯބްސް" އިން އަންދާޒާކުރާ ގޮތުގައި 62 އަހަރުގެ ބޭޒޯސްގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 192 ބިލިޔަން ޕައުންޑް (257 ބިލިޔަން ޑޮލަރު) ހުރެއެވެ.

ލިވަޕޫލްގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން އަންގާރަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، 20 ފަހަރު އިނގިރޭސި ޗެމްޕިއަންކަން ހޯދާފައިވާ ކުލަބުގެ މައިނޯރިޓީ ހިއްސާއެއް ގަތުމާ ބެހޭގޮތުން ބާޓިއާގެ ކޮންސޯޓިއަމްއިން ވަނީ އެ ފަރާތާ މަޝްވަރާކޮށްފައެވެ.

މީގެ ކުރިން ބޭޒޯސް ވަނީ އެމެރިކާގެ އެންއެފްއެލްގެ ސިއެޓްލް ސީހޯކްސް އަދި ވޮޝިންޓަން ކޮމާންޑާސް ގަތުމަށްވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހުން އެ މުއާމަލާތްތަކައިގެން ކުރިއަށް ނުދިޔުމަށް އޭނާ ވަނީ ނިންމަވާފައެވެ.

ޕްރިމިއަރ ލީގުގެ ކުލަބަށް ބާޓިއާ ޝައުގުވެރިކަން ފާޅުކުރެއްވީ، އޭނާ ކުއީންސް ޕަރކް ރޭންޖަރސް (ކިއުޕީއާރް) ގެ ބޯޑުން އިސްތިއުފާ ދެއްވި ދުވަހުއެވެ. އުމުރުން 46 އަހަރުގެ ބާޓިއާ ވަނީ އެ ކުލަބުގައި އޮތް އޭނާގެ ހިއްސާ މެޖޯރިޓީ ހިއްސާދާރު ރުބެން ގްނާނަލިންގަމަށް ބަދަލުކޮށް، އެ ކުލަބާއެކު އޮތް 18 އަހަރުވީ ގުޅުން ނިންމާލާފައެވެ.

2023 ވަނަ އަހަރު އެފްއެސްޖީން ވަނީ ލިވަޕޫލްގެ މައިނޯރިޓީ ހިއްސާއެއް އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ޑައިނަސްޓީއަށް ވިއްކާލާފައެވެ. ބާޓިއާއާއެކު ކުރެވޭ މުއާމަލާތް ކުރިއަށް ގޮސްފިނަމަ، އެއީވެސް އެފަދަ އެއްބަސްވުމަކަށް ވާނެ ކަމަށް ބެލެވެއެވެ.

"ފައިނޭންޝަލް ޓައިމްސް" އިން ބުނާ ގޮތުގައި ބާޓިއާ އިސްވެ ހުންނަވާ ކޮންސޯޓިއަމްއާއެކު އެއްބަސްވުމަކަށް އަތުވެއްޖެނަމަ، ލިވަޕޫލްގެ އަގު 6 ބިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރާނެއެވެ. އެމެރިކާގެ ބޭސްބޯޅަ ޓީމެއް ކަމަށްވާ ބޮސްޓަން ރެޑް ސޮކްސްގެ ވެސް ވެރިފަރާތް ކަމަށްވާ އެފްއެސްޖީން ލިވަޕޫލް ގަނެފައިވަނީ 2010 ވަނަ އަހަރު 300 މިލިޔަން ޕައުންޑަށެވެ.

ކިޔުންތެރިންގެ ހިޔާލު