ENGLISH
22 ޖުލައި 2026
ހުދު ކޫޑި ކޮންޓްރޯލް ކުރުމަށް ރުއްތަކަށް ބޭސް ލާން ފަށައިފި
22 ޖުލައި 2026
|
ހުދު ކޫޑީ ކޮންޓްރޯލް ކުރުމަށް ހއ. ބާރަށުގެ ރުއްތަކަށް ބޭސްލުމުގެ ތެރެއިން-- ފޮޓޯ، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ރުއްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ބަލި ކަމަށްވާ ހުދު ކޫޑި ކޮންޓްރޯލް ކުރުމަށް ބޭހެއް ތައްޔާރުކޮށް، އެ ބޭސް ރުއްތަކަށް ލުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އިން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އެޅުމުގެ ސަބަބުން ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. އަދި އެކަމާއި ގުޅިގެން އެކަން ޙައްލުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިން (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކޮށްފައިވާކަމަށެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިތަޖުރިބާތަކުގެ އީޖާބީ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލުކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ރަށުގައި ހުރި ރުއްތަކުގެ ޢަދަދަށް ބިނާކޮށް ކޮންމެ ކައުންސިލަކަށްވެސް ޕެސްޓިސައިޑު ޕަކެޓް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ޙަވާލުކުރެވުނީ ހއ. ބާރަށު ކައުންސިލާއެވެ. އެރަށުގައި ވަނީ ރުއްތަކަށް ޕެސްޓިސައިޑުލުމުގެ ޕްރޮގުރާމް ހިންގައިފައެވެ.
މިޕްރޮގްރާމްގެ ދަށުން ހއ. ހދ. ށ. އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ވަނީ ފޮނުވައިފައެވެ. މިއަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންކަމަށާއި، މިނޫން އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ މާލެއިންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން، ހުދުކޫޑީގެ މައްސަލަ ދިމާވެގެން އެކަން ޙައްލުކޮށްދިނުމަށް އެދި ލ.ކަލައިދޫ، ގދ. ފިޔޯރީ، އައްޑޫސިޓީގެ މީދޫން މިނިސްޓްރީގައި އެދިފައިވާތީ، އެރަށްރަށަށްވެސް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ވެސް ވަނީ ފޮނުވިފައެވެ. އިތުރު އަތޮޅުތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.