ENGLISH
22 ޖުލައި 2026
އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ޓެބާސް ގޮވާލައްވައިފި
22 ޖުލައި 2026
|
ލަލީގާގެ ރައީސް ހާވިއޭ ޓެބާސް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ސްޕެނިޝް ލީގު ހިންގާ ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ގޮވާލައްވައިފިއެވެ. ޓެބާސް ތުހުމަތު ކުރައްވާ ގޮތުގައި، ލީގުތަކާއި ކުލަބުތަކަށް ގެއްލުންވާ ގޮތަށް ބައިނަލްއަގުވާމީ މުބާރާތްތައް ފުޅާކުރަމުންދިއުމަކީ ފުޓްބޯޅައިގެ ސިނާއަތް ހަލާކުކޮށްލުމެވެ.
މެޗުތައް ގިނަވުމާއި ފީފާ ވޯލްޑް ކަޕް އިތުރަށް ފުޅާކުރުމަށް ފީފާއިން ކުރަމުންދާ މަސައްކަތްތަކަށް ޓެބާސް މީގެ ކުރިން ވެސް އެތައް ފަހަރަކު ފާޑުވިދާޅުވެފައިވެއެވެ. އިޓަލީގެ ނޫހަކަށް ދެއްވި އިންޓަވިއުއެެއްގައި، އިންފަންޓީނޯ މަގާމުން ވަކިވާންޖެހޭތޯ ސުވާލުކުރުމުން ޓެބާސް ވިދާޅުވީ، "އަޅުގަނޑުގެ ނަޒަރުގައި އާދެ، އޭނާގެ ވަގުތު މިހާރު ވަނީ ފާއިތުވެފައި" ކަމަށެވެ.
އިންފަންޓީނޯ މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައިވަނީ، ހަތަރުވަނަ ދައުރަކަށް ފީފާގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށެވެ. 2027 އިން 2031 އަށް އޮންނަ މި ދައުރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު މޮރޮކޯގައެވެ.
އިންފަންޓީނޯގެ ލީޑަޝިޕަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅޭގޮތުން ޓެބާސް ވިދާޅުވީ، ފުޓްބޯޅަ އާއިލާގެ ތެރޭގައި ކަންބޮޑުވުންތައް ހުރި ނަމަވެސް، ޤައުމީ ފެޑެރޭޝަންތަކުގެ ފުރިހަމަ ތާއީދު އިންފަންޓީނޯއަށް އެބައޮތް ކަމަށެވެ. "އޭނާ މަގާމުގައި ހުންނަވައިގެން ނުވާނެ، އެކަމަކު މިހާރު ކަންކަން ހުރި ގޮތުން އޭނާ މަގާމުން ދުރެއް ނުވާނެ،" ޓެބާސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓަކު ނެތީ ބަލިވާނެކަން އެނގޭތީ އެއްވެސް މީހަކު ކުރިމަތިލާން ބޭނުންނުވާތީ ކަމަށާއި، މިއީ އަސާސީ ގޮތުން ގޯސް ނިޒާމެއް ކަމަށެވެ. އަދި އިންފަންޓީނޯ ކުރައްވާ ކަންކަމާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދެއްކި ނަމަވެސް، އަމަލީ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ --- ފޮޓޯ: ރޮއިޓަރސް
މީގެ އިތުރުން ވޯލްޑް ކަޕް 2026 ގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން ދިން އެއް މެޗުގެ ސަސްޕެންޝަން ފަސްކުރުމަށް ފީފާއިން ނިންމި ނިންމުމަށްވެސް ޓެބާސް ފާޑުވިދާޅުވިއެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނުފޫޒުން ކަމަށް ރިޕޯޓުތައް ބުނެއެވެ. "އެމެރިކާގެ ކުޅުންތެރިޔާގެ ސަސްޕެންޝަން ފަސްކުރުމަކީ ވަރަށް ސީރިއަސް މައްސަލައެއް. ބެލްޖިއަމް އަތުން އެމެރިކާ ބަލިވެ މުބާރާތުން ވަކިވުމަކީ އިންފަންޓީނޯގެ ނަސީބު. އެހެން ނޫންނަމަ މިއީ އޭނާގެ ވަޒީފާ ގެއްލޭވަރުގެ ބޮޑު މައްސަލައަކަށް ވީސް،" ޓެބާސް ވިދާޅުވިއެވެ.
ފުޓްބޯޅައިގެ އިސް އިދާރާތަކުގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާއިރު، ޔުއެފާގެ ރައީސް އަލެކްސެންޑަރ ޗެފެރިން މިދިޔަ އާދީއްތަ ދުވަހުގެރޭ އޮތް ވޯލްޑް ކަޕް ފައިނަލްގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. މިއީ ސުލޫކީ މިންގަނޑުތަކާއި، ރެފުރީންގެ ކަންކަމާއި މެޗުތައް އިންތިޒާމުކުރުމުގައި ޔުއެފާ އާއި ފީފާއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ނިންމެވި ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޯލްޑް ކަޕުގައި ކުޅޭ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް ޓެބާސް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓީމުތަކުގެ އަދަދު އިތުރުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށާއި، ފުޓްބޯޅައިގެ ސިނާއަތް ދެމިއޮތީ ޤައުމީ ލީގުތަކުގެ ސަބަބުން ކަމަށެވެ. "ވޯލްޑް ކަޕަކީ އެންމެ މުހިންމު މުބާރާތް ކަމަށް ވިޔަސް، ހުރިހާ ކަމެއް ވޯލްޑް ކަޕަށް ބިނާވެގެން ނުވާނެ. އެ މީހުން އެ ހަލާކުކޮށްލަނީ އެތައް ހާސް ވަޒީފާއެއް އުފައްދައިދޭ ފުޓްބޯޅައިގެ ސިނާއަތް. އެއީ އެންމެ 40 ދުވަހަށް ދެމިގެންދާ، އަދި މަދު ކުޅުންތެރިންތަކެއް ބައިވެރިވާ މުބާރާތަކަށްޓަކައި،" ޓެބާސް ވިދާޅުވިއެވެ.