ENGLISH

22 ޖުލައި 2026

Advertisement

ޓްރާންސްފާ ބާޒާރުގައި ލިވަޕޫލްގެ ބައެއް ދާއިރާތައް ވަރުގަދަކުރަން ޖެހޭ: އިރައޯލާ

22 ޖުލައި 2026

|

އިސްމާއިލް ޝާހު

ލިވަޕޫލްގެ ކޯޗު އެންޑޯނީ އިރައޯލާ --- ފޮޓޯ: ގެޓީ

ލިވަޕޫލްގެ މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމާއި، ބައެއް ކުޅުންތެރިންނަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ގުޅިގެން، ޓްރާންސްފާ ބާޒާރުގައި ބައެއް ދާއިރާތައް ވަރުގަދަކުރަން ޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު އެންޑޯނީ އިރައޯލާ ބުނެފިއެވެ.

ލިވަޕޫލުން ޖެރެމީ ޖަކޭ އާއި ވިކްޓަރ މުނޯޒްގެ ސޮއި ހޯދާފައިވީ ނަމަވެސް، މުޙައްމަދު ސަލާހު، އެންޑީ ރޮބަޓްސަން އަދި އިބްރާހިމާ ކޮނާޓޭ ފަދަ މުހިންމު ކުޅުންތެރިން ވަނީ ޓީމު ދޫކޮށް ގޮސްފައެވެ. މީގެ އިތުރުން ހޫގޯ އެކިޓިކޭ، ކޮނަރ ބްރެޑްލީ އަދި ޖިއޮވާނީ ލިއޯނީ ތިބީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

އެމެރިކާގައި ކުރިއަށްދާ ޕްރީ-ސީޒަންގެ ތެރެއިން އިއްޔެ ޝިކާގޯގައި ނޫސްވެރިންނާ ވާހަކަދައްކަމުން ސްޕެއިންގެ ކޯޗު ބުނީ ޓްރާންސްފާ ބާޒާރު ހުޅުވިފައި އޮތް ދަނޑިވަޅެއްގައި ބޭނުންވަނީ ސީދާ ކިތައް ކުޅުންތެރިންކަން ބުނަން އުނދަގޫ ކަމަށާއި، ސްކޮޑު ވަރުގަދަކުރުމަށް ލިބޭ އައު ފުރުސަތުތަކަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެ ކަމަށެވެ.

"ކުޅުންތެރިން ބޭނުންވާ ބައެއް ދާއިރާތައް އަހަރެމެންނަށް ވަރަށް ސާފުކޮށް އެނގޭ. މިސާލަކަށް ވިންގާއެއް، އަހަރެމެންނަށް ކޮންމެހެންވެސް ވިންގާއެއް ބޭނުންވޭ،" އޭނާ ބުންޏެވެ.

"އެހެންނަމަވެސް، ބައެއް އެހެން ހާލަތްތަކުގައި ބާޒާރުން ލިބެން ހުރި ފުރުސަތުތަކަށާއި، އަގުތަކަށާއި، އަދި މިހާރު ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލައި އަހަރެމެން ދިރާސާކުރަންޖެހޭނެ. އަހަރެމެން އިތުބާރުކުރާ ކުޅުންތެރިންތަކެއް ބައެއް މަގާމުތަކުގައި ތިބި ނަމަވެސް، އަނިޔާގެ މައްސަލަތަކާ ހުރެ އެއީ އެންމެ އެކަށީގެންވާ ހާލަތެއް ނޫން."

ކޮނާޓޭ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ވަކިވުމަކީ ލިވަޕޫލްގެ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިންގެ މަދުކަން ފާހަގަވާ ކަމެކެވެ. ގޯލްކީޕަރު އެލިސަން ބެކާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، އިރައޯލާ ބުނީ ބްރެޒިލްގެ ކީޕަރު ޓީމުގައި ބެހެއްޓުމަށް އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

"އަލަށް ގުޅޭ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ޓީމަށް އަހުލުވެރިކުރުވުމުގެ މަރުހަލާގައި އޭނާއަކީ (އެލިސަން) ކޮންމެހެންވެސް އެހީތެރިވެދޭނެ މީހެއް،" އޭނާ އިތުރަށް ބުންޏެވެ.

"އަހަރެމެންނަށް ބޭނުންވަނީ ވާޖިލް (ވެން ޑައިކް)، އެލިސަން އަދި ޖޯ ގޯމޭޒް ފަދަ ގިނަ ދުވަސްތަކެއް ވަންދެން މި ކުލަބުގައި ތިބި ނަމޫނާ ކުޅުންތެރިން. އަދި އެ ކުޅުންތެރިންގެ އެހީތެރިކަން އަހަރެމެންނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް."

ލިވަޕޫލްގެ ޕްރީ-ސީޒަން ތައްޔާރީތައް ފެށުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ނޭޝްވިލްގައި ސަންޑަލެންޑާ ދެކޮޅަށް މެޗެއް ކުޅޭނެއެވެ. އޭގެ ފަހުން ރެކްސްހަމް، ލީޑްސް ޔުނައިޓެޑް، އޭއެސް މޮނާކޯ އަދި ކޯމޯއާ ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނުގައި ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު