ENGLISH
22 ޖުލައި 2026
ރިކޯޑު އަގަކަށް ރޮޖާސް ޗެލްސީއަށް ސޮއިކޮށްފި
22 ޖުލައި 2026
|
އިނގިރޭސި ޤައުމީ ޓީމުގެ ތަރި މޯގަން ރޮޖާސް ޗެލްސީއަށް ސޮއިކުރުމަށްފަހު ކޯޗު ޒަބީ އަލޮންސޯއާއެކު --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
އިނގިރޭސި ޤައުމީ ޓީމުގެ ތަރި މޯގަން ރޮޖާސް، އެސްޓަން ވިލާ ދޫކޮށް ޗެލްސީއަށް ސޮއިކޮށްފިއެވެ. 2033 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާ ގޮތަށް ޗެލްސީން އޭނާއާއެކު އެއްބަސްވުން ގާއިމުކުރީ 117 މިލިޔަން ޕައުންޑް (157 މިލިޔަން ޑޮލަރު) އަށެވެ. މިއީ އިނގިރޭސި ކުޅުންތެރިއަކަށް މިހާތަނަށް ކުލަބަކުން ހޭދަކުރި އެންމެ ބޮޑު އަދަދެވެ.
މި މުއާމަލާތުގެ މާލީ ތަފުސީލު ދެ ކްލަބުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއީ މި މަހުގެ ކުރީކޮޅު އެލިއޮޓް އެންޑަރސަން ހޯދުމަށް މެންޗެސްޓަރ ސިޓީން ނޮޓިންހަމް ފޮރެސްޓަށް ދެއްކި 116 މިލިޔަން ޕައުންޑަށްވުރެ ބޮޑު އަދަދެކެވެ. ޗެލްސީން މީގެ ކުރިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2023 ވަނަ އަހަރު ބްރައިޓަންއިން މޮއިސަސް ކައިސޭޑޯ ހޯދުމަށެވެ. އެއީ 115 މިލިޔަން ޕައުންޑެވެ.
ކުލަބާ ގުޅުމަށްފަހު ރޮޖާސް ބުނީ ޗެލްސީއާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެއީ އޭނާ ކުޑައިރުން ފެށިގެންވެސް ވަރަށް ސަޕޯޓުކުރާ، ލަންޑަނުގެ އެންމެ ބޮޑު ކުލަބު ކަމަށެވެ. އަދި ކުލަބުގެ އައު ކޯޗާއި، މިހާރު ތިބި ކުޅުންތެރިންނާއެކު ކުރިއަށް އޮތް ތަނުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
އެޓޭކިންގ މިޑްފީލްޑަރެއްގެ މަގާމަށް ކުޅޭ ރޮޖާސް އެސްޓަން ވިލާ ދޫކޮށްލީ އެ ކުލަބުގައި ދެ އަހަރު ހޭދަކުރުމަށްފަހުއެވެ. އޭނާ ވަނީ މިދިޔަ މެއި މަހު އެސްޓަން ވިލާއިން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ. ފްރައިބާގް އަތުން 3-0 ގެ ނަތީޖާއަކުން ވިލާ މޮޅުވި ފައިނަލް މެޗުގައިވެސް އޭނާ ލަނޑު ޖެހިއެވެ. މިއީ 1982 ވަނަ އަހަރަށްފަހު އެ ކުލަބުން ހޯދި ފުރަތަމަ ބޮޑު ޔޫރަޕުގެ ތައްޓެވެ.
މިހާރު އުމުރުން 23 އަހަރުގެ ރޮޖާސް ވަނީ 2024 ވަނަ އަހަރު މިޑްލްސްބަރާއިން ވިލާއާ ގުޅުނު ފަހުން ކުޅުނު 125 މެޗުގައި 31 ލަނޑު ޖަހައިދީފައެވެ. އަދި އެ އަހަރު އޭނާ ވަނީ ފުރަތަމަ ފަހަރަށް އިނގިރޭސި ޤައުމީ ޓީމުން ޖާގަ ހޯދާފައެވެ. މި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕް 202 ގައި އޭނާ ވަނީ ހަތް މެޗު ކުޅެފައެވެ. އަދި މިދިޔަ ސީޒަނަކީ އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު ސީޒަނެވެ. އެގޮތުން ޕްރިމިއަރ ލީގުގައި 10 ލަނޑު ކާމިޔާބުކުރިއެވެ.
ނިމިދިޔަ ސީޒަނުގެ 10 ވަނައިގައި ނިންމާލި ޗެލްސީން، އައު ސީޒަނުގެ ފުރަތަމަ މެޗުގައި އަންނަ އޮގަސްޓް 24 ވަނަ ދުވަހު ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ.