ENGLISH
18 އޭޕްރީލު 2025
ޖޮކިޗްގެ މޮޅު ކުޅުމާއެކު ޑެންވާ އިން ޕިސްޓަންސް ބަލިކޮށްފި
29 ޑިސެމްބަރު 2024
|
ޑެންވާގެ ޖޮކިޗް (ކ) ޕިސްޓަންސްގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: އޭޕީ
އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ސާބިއާގެ ނިކޮލާ ޖޮކިޗްގެ މޮޅު ކުޅުމާއެކު ޑެންވާ ނަގެޓްސް އިން 134-121 ގެ ތަފާތަކުން ޑެޓްރޮއިޓް ޕިސްޓަންސް ބަލިކޮށްފިއެވެ.
މިއީ ލީގުގައި ޑެންވާ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ.
ޑެންވާގެ ބޯލް އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓަރގައި ޕިސްޓަންސް ވަނީ 38-26 އިން ކުރިހޯދާފައެވެ. އެކަމަކު، ޑެންވާ އިން ވަނީ ޖެހިގެން އައި ދެ ކުއާޓަރގައި ދެ ޓީމުގެ މެދުގައި އޮތް ފަރަގު ބޮޑުކޮށްފައެވެ.
މެޗުގެ ދެވަނަ ކުއާޓަރގައި 31-23 އިން ޑެންވާ ކުރިހޯދިއިރު، ތިންވަނަ ކުއާޓަރގައި ވަނީ 19 ޕޮއިންޓްގެ ލީޑަކާއެކު، 47-28 އިން ކުރި ހޯދާފައެވެ. ފަހު ކުއާޓަރގައި ޕިސްޓަންސް 12 ޕޮއިންޓްގެ ލީޑަކާއެކު، 32-20 އިން ކުރިހޯދިއިރު މި ކުއާޓަރގެ ބޮޑުބައިގައި ޑެންވާގެ މުހިއްމު ކުޅުންތެރިން ތިބީ ބެންޗުގައެވެ.
މި މެޗުގައި ޑެންވާ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ޖޮކިޗް އެވެ. އޭނާ ވަނީ 37 ޕޮއިންޓާއެކު، ނުވަ ރީބައުންޑްނަގައި، އަށް އެސިސްޓް ހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖަމާލް މަރޭ ވަނީ 34 ޕޮއިންޓް އެއްކޮށްފައެވެ.
ޕިސްޓަންސް އިން އެންމެ ރަނގަޅަށް ކުޅުނީ ކޭޑް ކަނިންގހަމް އާއި ޖޭޑެން އައިވޭ އެވެ. މި ދެ ކުޅުންތެރިން ވެސް 17 ޕޮއިންޓް އެއްކުރިއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލެބްރޮން ޖޭމްސްއާ ނުލައި، ލޮސް އެންޖެލަސް ލޭކާސް އިން ވަނީ 132-122 ގެ ތަފާތަކުން ސެކްރަމެންޓޯ ކިންގްސް ބަލިކޮށްފައެވެ.
ޑަލަސް މޭވްރިކްސް އަތުން ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް 126-122 އިން މޮޅުވިއިރު، ފީނިކްސް ސަންސް އަތުން ގޯލްޑެން ސްޓޭޓް ވޯރިއާސް މޮޅުވީ 109-105 އިންނެވެ.