ENGLISH

21 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ކާމިޔާބީއާއެކު ސްޕެއިން ރޭންކިންގެ އެއްވަނައަށް

20 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ ތައްޓާއެކު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ގެޓީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އެންމެ ފަހުން އާންމުކުރި ފިރިހެނުންގެ ރޭންކިންގައި، ވޯލްޑް ކަޕް 2026 ކާމިޔާބުކުރި ސްޕެއިން އަލުން އެއްވަނައަށް ޖެހިލައިފިއެވެ. މި ބަދަލާއެކު މީގެ ކުރިން އެއްވަނައިގައި އޮތް އަދި މި ފަހަރުގެ މުބާރާތުގެ ރަނަރަޕް އާޖެންޓީނާ ވަނީ ދެވަނައަށް ވެއްޓިފައެވެ.

ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ޓީމު ރޭންކިންގެ އެއްވަނައަށް އަރާފައިވަނީ، ރޭ ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގައި 1-0 އިގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކުރުމަށްފަހުއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށްފަހު ސްޕެއިން ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރެވެ.

ރޭންކިންގެ ތިންވަނަ އަދި ހަތަރުވަނައިގައި އަދިވެސް އޮތީ ފްރާންސާއި އިންގްލެންޑެވެ. ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް ޓީމުން ފްރާންސް ބަލިކޮށް މުބާރާތުގެ ތިންވަނަ ހޯދި ނަމަވެސް، މި ދެ ޤައުމުގެ މަގާމަށް ބަދަލެއް ނާދެއެވެ.

ބްރެޒިލް ފަސްވަނައަށް ކުރިއަށް ޖެހިލިއިރު، މޮރޮކޯ ވަނީ ހަވަނަ މަގާމާއެކު ތާރީޚީ ކުރިއެރުމެއް ހޯދާފައެވެ. ވޯލްޑް ކަޕުގެ ގަދަ 16 އިން ކެޓި ޕޯޗުގަލް ދެ ދަރަޖަ ދަށަށް ގޮސް މިހާރު އޮތީ ހަތްވަނައިގައެވެ. ބެލްޖިއަމް އަށްވަނައަށް ކުރިއަށް ޖެހިލިއިރު، ނެދަލެންޑްސް ވަނީ ނުވަވަނައަށް ވެއްޓިފައެވެ.

މެކްސިކޯ ހަތަރު ދަރަޖައިގެ ކުރިއެރުމަކާއެކު ގަދަ 10 އެއްގެ ތެރޭގައި ހިމެނުނުއިރު، މި ފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ނޯވޭއެވެ. ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ނޯވޭ ވަނީ 12 ދަރަޖަ ކުރިއަށް ޖެހިލައި، ރޭންކިންގެ 19 ވަނައަށް އަރާފައެވެ.

ޖަރުމަން ގަދަ 10 އިން ބޭރުވެ 12 ވަނައަށް ވެއްޓުނުއިރު، ކްރޮއޭޝިއާ އޮތީ 13 ވަނައިގައެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވި އިޓަލީ ވަނީ 15 ވަނައަށް ދަށަށް ގޮސްފައެވެ.

ރޭންކިންގައި އެންމެ ބޮޑަށް ދަށަށް ދިޔައީ ޓިއުނީޝިއާއަށެވެ. އެ ޤައުމު ވަނީ 12 ދަރަޖަ ދަށަށް ގޮސް، 57 ވަނައަށް ވެއްޓިފައެވެ. ނަމަވެސް މިސްރު ފަސް ދަރަޖަ ކުރިއަށް ޖެހިލައި 24 ވަނައިގައި އޮތްއިރު، ވޯލްޑް ކަޕުގެ ގަދަ 16 އާ ހަމައަށް ދަތުރުކުރި ޕެރަގުއޭ ވަނީ ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު 34 ވަނައަށް ޖެހިލާފައެވެ.

މީގެ އިތުރުން މުބާރާތުގެ ދެވަނަ ބުރާ ހަމައަށް ދަތުރުކުރި ކާބޯ ވާޑޭ ތިން ދަރަޖަ ކުރިއަށް ޖެހިލައި 64 ވަނައިގައި އޮތްއިރު، ގާނާ ވަނީ އަށް ދަރަޖައިގެ ކުރިއެރުމަކާއެކު 65 ވަނައަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު