ENGLISH
21 ޖުލައި 2026
ޚިޔާލުތަފާތުވުންތަކާ ގުޅިގެން ޔުއެފާގެ ރައީސް، ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ވަޑައެއްނުގަންނަވާ
20 ޖުލައި 2026
|
ޔުއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ޔުއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން، ފީފާއާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެން އިހުތިޖާޖުކުރުމުގެ ގޮތުން އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރި ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށް ވަޑައެއްނުގަންނަވައެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މުބާރާތުގެ ފުރަތަމަ މެޗަށް މެކްސިކޯ ސިޓީއަށް ޗެފެރިން ވަޑައިގެންނެވި ނަމަވެސް، ފީފާއިން ނިންމާފައިވާ ބައެއް ނިންމުންތަކާ ހިތްޕުޅާނުވެގެން އޭނާ ވަނީ ނުއ ޔޯކް ނިއު ޖާޒީގައި ރޭ އޮތް ފައިނަލް މެޗަށް ވަޑައިގަތުމަށް އިންކާރުކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މައްސަލައިގެ ތެރެއަށް ވަދެވަޑައިގަތުމާ ގުޅިގެން، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން ސަސްޕެންޝަނުން ސަލާމަތްވުމުން ޔުއެފާއިން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޗެފެރިން ފައިނަލް މެޗަށް ވަޑައިނުގަތުމަށް ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީވެސް މިއީއެވެ.
ޔުއެފާއިން އޭރުވެސް ވަނީ ފީފާގެ މި ނިންމުމަށް ފާޑުކިޔައި، އެއީ "ކުރިން ދުވަހަކުވެސް ކަން ހިނގާފައި ނުވާ ފަދަ، ބުއްދިއަށް ގަބޫލުނުކުރެވޭ އަދި އެއްވެސް އިންސާފެއް ނެތް" ނިންމުމެއް ކަމަށް ބުނެފައެވެ. ޔުއެފާގެ ބަޔާނުގައި ބުނެފައިވަނީ ގަވާއިދުތައް ހިމާޔަތްކުރަން ތިބި ފަރާތްތަކުން އެކަން ނުކުރާނަމަ، ކުޅިވަރުގެ އިންސާފުވެރިކަން ގެއްލި، މުބާރާތުގެ އިތުބާރު ކުޑަވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންނަވަން މަސައްކަތް ކުރައްވާ ބައެއް ބަދަލުތަކާވެސް ޗެފެރިން ދެކޮޅު ހައްދަވައެވެ. މީގެ ތެރޭގައި މެޗުގެ ހާފް-ޓައިމްގައި ބާއްވާ މުނިފޫހިފިލުވުމުގެ ޝޯތައް ހިމެނެއެވެ. ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔޫރަޕިއަން ޗެމްޕިއަންޝިޕުގައި މިފަދަ ޝޯތަކެއް ނުބާއްވާނެ ކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ.
ވޯލްޑް ކަޕުގައި ބޭއްވި މިފަދަ ޝޯތަކުގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބާ ފަދަ ތަރިން ހުށަހަޅައިދީފައިވާއިރު، މީގެ ސަބަބުން އާންމުކޮށް 15 މިނެޓަށް އޮންނަ ހާފް-ޓައިމް ބްރޭކު ވަނީ 27 މިނެޓާއި 22 ސިކުންތަށް ދިގުވެފައެވެ.
އަދި 64 ޓީމު ވާދަކުރާ ގޮތަށް ވޯލްޑް ކަޕް ބަދަލުކުރުމަށް އިންފަންޓީނޯ ގެންގުޅުއްވާ ވިސްނުމާވެސް ޔުއެފާއިން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.
މުބާރާތް ފެށުމުގެ ކުރިން ރެފުރީ އޮމަރު އަރުތާނަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމުން، އޮގަސްޓް 12 ގައި ޕީއެސްޖީ އާއި އެސްޓަން ވިލާ ބައްދަލުކުރާ ޔުއެފާ ސުޕަ ކަޕް މެޗު އިންސާފުކުރުމަށް ޔުއެފާއިން ވަނީ އޭނާއަށް ދައުވަތު ދީފައެވެ.
ޓިކެޓުގެ އަގުތައް ބޮޑުވުމަކީވެސް ޔުއެފާގެ ތެރޭގައި ބޮޑު ބަހުސަކަށް ވެފައިވާ މައްސަލައެކެވެ. ޔޫރޯ 2028 ގެ ޓިކެޓު އަގުތައް ބޮޑުނުކޮށް ހިފެހެއްޓުމަށް ޔުއެފާއިން ވަނީ ނިންމާފައެވެ. އެއީ މި އަހަރުގެ ވޯލްޑް ކަޕް ކުޅޭ ސްޓޭޑިއަމެއްގެ އެންމެ ޕާކިން ޖާގައަކަށް ހޭދަވާ ފައިސާއިން، ޔޫރޯގެ ފަސް ޓިކެޓު ގަނެވޭނެ މިންވަރެވެ.