ENGLISH

18 އޭޕްރީލު 2025

Advertisement

ލާޒިއޯއާ އެއްވަރުވެ، އެޓަލާންޓާގެ ރެކޯޑް ނިމުމަކަށް

29 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ލާޒިއޯއާ އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ލާޒިއޯއާ 1-1 އިން އެއްވަރުވެ، އެޓަލާންޓާގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެއެވެ.

މި މެޗަށް ނުކުތްއިރު އެޓަލާންޓާ ވަނީ ޖެހިޖެހިގެން 11 މޮޅު ހޯދާފައެވެ. އެ ޓީމު ވަނީ ލީގުގައި މެޗަކުން ބަލިނުވެ 13 މެޗު ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅެނީ އެޓަލާންޓާ އެވެ. އެ ޓީމަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އިންޓަރ މިލާނަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 40 ޕޮއިންޓެވެ. ތިންވަނައިގައި އުޅޭ ނަޕޯލީ އަށް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ލާޒިއޯ އޮތީ 18 މެޗުން 35 ޕޮއިންޓް ހަމަކޮށްގެން ހަތަރު ވަނައިގައެވެ.

ލާޒިއޯގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ފިސާޔޯ ޑެލެ-ބާޝިރު އެވެ. މި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް، އެޓަލާންޓާ އަށް އެއްވަރުކޮށްދިނީ މާކޯ ބްރެޝިއަނީނީ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، އަޑެމޯލާ ލުކްމަން ދިން ބޯޅައަކުންނެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕާމާގެ ދަނޑުގައި އެ ޓީމު ވަނީ 2-1 އިން މޮންޒާ ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު