ENGLISH

19 ޖުލައި 2026

Advertisement

އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ހައްލުކުރަން ހުރިހާ ރޭންޖެއްގެ ބޭސް ހަމަކުރުމުގެ މަސައްކަތް ކުރަނީ

19 ޖުލައި 2026

|

އައިމިނަތު ޝަފާ

އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ހައްލުކުރަން އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހަމަކުރުމުގެ މަސައްކަތް ސަރުކާރުގެ ބޭސްކުންފުނި ---- ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ފަށައިފިއެވެ. 

ދައުލަތުގެ މީޑިއާގެ ޕްރޮގްރަމެއްގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ދުނިޔެއަށްވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ކަމަށާއި، އެކަން ހައްލުކުރުމަށް އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ލިބެން ހުންނަން ޖެހޭ ކަމަށެވެ. މިއީ، ޓެކްނިކަލް ގިނަ ކަންކަން ހިމެނޭ މަސައްކަތެއް ކަމަށާއި، ސިއްހީ ދާއިރާގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

"އެންޓިބަޔޮޓިކްސް ބޭނުންކުރުމުގައިވެސް ގެންގުޅެންޖެހޭ މިންގަނޑުތަކަށް އެ ގެންގުޅެވޭނީ، ފަސްޓްލައިން އެންޓިބަޔޮޓިކެއް ދީފައި އޭތި ވޯކް ނުކުރަންޏާ އެއަށް ރެޒިސްޓެންޓް ވަންޏާ ދެން ސެކަންޑް ލައިން. އެހެންކަމަށްވަންޏާވެސް މުޅި ރޭންޖު އަޅުގަނޑުމެންގެ އަތުގައި ކޮންމެވެސް ވަރަކަށް ސްޓޮކްގައި ހުރެގެން އެ ބޭނުންވާ އެންޓިބަޔޮޓިކްސްތައްވެސް އެވެއިލަބަލް ކުރެވޭނެ. އޭގެ ސަބަބުން ބަލި ފަސޭހަވުމަށް އަވަސް ވެގެންދާނެ. ރެޒިސްޓެންސް ރާއްޖޭގައި މަދުވެގެންދާނެ." ޝާހު ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ބޭސް ހަމަކުރުމުގައި އެންމެ ބޮޑަށް އިސްކަންދެއްވާނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް ޝާހު ވިދާޅުވިއެވެ.  އެއަށްފަހު "އެޕްރޫވްޑް ޑްރަގް" ލިސްޓުގައިވާ ބޭސްތަކުގެ ތެރެއިން ޑޮކްޓަރުން އާންމުކޮށްދޭ ބޭސްތައް ދެނެގަނެ އެ ލިސްޓު އަޕްގްރޭޑްކޮށް، އެ ބޭސްތައް ރާއްޖެއަށް ގެނައުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. ޑރ. ޝާހް ވިދާޅުވީ ރަށްރަށުގެ އާބާދީއަށް އާންމުކޮށް ބޭނުންވާ ބޭސް ދެނެގަތުމުގެ މަސައްކަތް ވެސް ފައްޓަވާފައިވާކަމަށެވެ. ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުންފުނިން ދަނީ ކުރަމުންނެވެ. 

ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމަށް އުފެއްދި ސްޓޭޓް ފާމާގެ ދަށަށް އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސްފިހާރަތަކެއް ބަދަލުކޮށް މިހާރު ދަނީ ހިދުމަތް ދެމުންނެވެ. އެއާއެކު މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކުލިބޭނެ މަގު ތަނަވަސްކޮށްދީ، މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމަކީ ކުންފުނީގެ އަމާޒެވެ. 

ކިޔުންތެރިންގެ ހިޔާލު