ENGLISH

20 ޖުލައި 2026

Advertisement

42 ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ސާމާނު ހޯދުމަށް އިންޑިއާއެކު ސޮއިކޮށްފި

19 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު، އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން 42 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރު ފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، މިސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ފެންވަރު ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގު ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި، ހަމަހަމަކަމާއި، އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ރާފިއުގެ ވާހަކައިގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްވަރުގަދަކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދެ ވަޒީރުންވެސްވަނީ އިންޑިއާ ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި އެހީތެރިކަމަކީ ދިވެހި މުޖުތަމައުތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު