ENGLISH

20 ޖުލައި 2026

Advertisement

އިގުތިސާދީ ހިސާބުތައް ދައްކާ ހަގީގަތް؛ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އިގުތިސާދު ފުޅާވި

19 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ކުރިއެރުން ވަޒަންކުރާ ހުރިހާ މިންގަނޑަކުން 2026 ގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އިގުތިސާދު ކުރިއެރި

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދިވެހިރާއްޖޭގެ އިގުތިސާދު ނިމުނު އަހަރާ އަޅާބަލާއިރު ފުޅާވެފައިވާކަން ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ ހިސާބުތަކުން ހާމަވެއްޖެއެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްްޓިކްސްއިން އާއްމުކޮށްްފައިވާ "ކުއާޓާލީ ނޭޝަނަލް އެކައުންޓްސް"ގެ ހިސާބުތަކަށް ްބަލާއިރު 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނޮމިނަލް ޖީޑީޕީއަކީ 34.3 ބިލިއަން ރުފިޔާއެވެ. ނޮމިނަލް ޖީޑީޕީއަކީ މިހާރުގެ ބާޒާރުގެ އަގަށް ބަލައިިގެން ގައުމުގެ އިގުތިސާދުގައި ދައުރުވާ މުދަލާއި ހިދުމަތުގެ އަގެވެ. އެއީ މުދާ ގަތުމުގެ ބާރަށާއި، ފައިސާގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްނުކޮށް ގައުމެއްގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ އިކޮނޮމިކް އައުޓްޕުޓް އަގުކޮށް ވަޒަންކުރާ މިންގަނޑެވެ. 

ނޮމިނަލް ޖީޑީޕީއަށް ބަލާއިރު 2026 ވަނަ އަހަރު ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މުޅި އިގުތިސާދުގެ އުފެއްދުންތެރިކަން 2.1 ބިލިއަން ރުފިޔާއިން އިތުރުވިއެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 6.8  އިންސައްތައިގެ އިތުރުވުމެކެވެ. 

ރިއަލް ޖީޑީޕީ ނުވަތަ ފައިސާގެ އަގަށް އަންނަ ބަދަލުތަކާއި މުދަލުގެ އަގު އުފުލުމާއި ދަށްވުމަށް ބަލައިގެން ގައުމުގެ އިގުތިސާދުގައި ދައުރުކުރާ މުދަލާއި ހިދުމަތުގެ އަގުކުރުމުން މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ޖުމްލަ ގައުމީ އުފެއްދުންތެރިކަމުގެ އަގަކީ ނުވަތަ ޖީޑީޕީއަކީ 28.3 ބިލިއަން ރުފިޔާއެވެ. 

ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 3.3 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2025 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އިގުތިސާދުވަނީ 1.3 އިންސައްތައިން ކުރިއަރާފައެވެ. 

ރިއަލް ޖީޑީޕީއަކީ އިގުތިސާދީ ކުރިއެރުން ވަޒަންކުރުމަށް އިގުތިސާދީ މާހިރުން ބޭނުންކުރާ މިންގަނޑުކަމަށްވާއިރު، އެ މިންގަނޑުން ބަލާއިރު ރާއްޖޭގެ އިގުތިސާދު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި އަހަރުން އަހަރަށް 3.3 އިންސައްތައިން ކުރިއެރި މައިގަނޑު ސަބަބަކީ ވޯލްސޭލް ދާއިރާއާއި މާލީ ހިދުމަތުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު ކޮންސްޓްރަކްޝަން ދާއިރާއިން ފުރަތަމަ ކުއާޓާގައި އިގުތިސާދީ ކުރިއެރުމަށް 1.1 ބިލިއަން ރުފިޔާ ހިއްސާކުރިއެވެ. އެއީ އެ ސިނާއަތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އިގުތިސާދީ ކުރިއެރުމަށް ހިއްސާކުރި އަގު (ވެލިއު)އަށްވުރެ 3.3 އިންސައްތަ އިތުރު މިންވަރެކެވެ. ކޮންސްޓްރަކްޝަން ދާއިރާއިން އިގުތިސާދީ ކުރިއެރުމަށް ހިއްސާކުރި މިންވަރު އިތުރުވީ އެ ދާއިރާއާ ގުޅުންހުރި މުދާ އިމްޕޯޓުކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. 

ވޯލްސޭލް އަދި ރީޓެއިލް ދާއިރާއިން ގައުމީ އުފެއްދުންތެރިކަމަށް ފުރަތަމަ ކުއާޓާގައި 2.3 ބިލިއަން ރުފިޔާ ހިއްސާކުރިއިރު، އެއީ އަހަރުން އަހަރަށް 10.7 އިންސައްތައިގެ އިތުރުވުމެކެވެ. މި ދާއިރާގެ ހިއްސާ އިތުރުވީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި އިމްޕޯޓުކުރި މުދާ އިތުރުވުމުގެ ސަބަބުންނެވެ. 

މާލީ ޚިދުމަތުގެ ދާއިރާއިން 2.06 ބިލިއަން ރުފިޔާ އިގުތިސާދީ ކުރިއެރުމަށް ހިއްސާކުރިއިރު އެއީ 2025 ވަނަ އަހަރުގެ ފުރަތަަމަ ކުއާޓާއާ އަޅާބަލާއިރު 20.1 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 7.2 އިންސައްތައިގެ އިތުރުވުމެކެވެ. 

ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ދާއިރާއިން އިގުތިސާދަށް ހިއްސާކުރި މިންވަރު އިތުރުވީ މާލީ ހިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ. އަދި މާލީ މައްސަަލަތައް ހައްލުކުރުމާއި އިންޝުއަރޭންސް ހިދުމަތްތަކަށް އަންނަ ބަދަލުތަކަކީ މި ދާއިރާގެ ހިއްސާއަށް އަސަރުކުރާ ކަންކަމުގެ ގޮތުގައި ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން ފާހަގަކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު