ENGLISH
21 ޖުލައި 2026
މާލެ ޓެކްސީ ލައިން: ވިލިމާލޭގައި ދުވާލެއްގެ މައްޗަށް 100 ދަތުރުކުރޭ
20 ޖުލައި 2026
|
"މާލެ ޓެކްސީ ލައިން" ހިދުމަތް ވިލިމާލޭގައި ފެށުން
އެންމެ މަޤްބޫލު
"މާލެ ޓެކްސީ ލައިން" ހިދުމަތް ވިލިމާލޭގައި ފަށާފައިވާއިރު މިހާރުވެސް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 100 ދަތުރުކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ --އެމްޓީސީސީން ބުނެފިއެވެެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މެނޭޖަރު މުހައްމަދު ނަޝްމީ ވިދާޅުވީ މާލެ ޓެކްސީ ލައިން ހިދުމަތަށް ވިލިމާލޭގެ ރައްޔިތުންގެ ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.
"ވިލިމާލޭގައިވެސް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 100 ވަރަކަށް ދަތުރު އެބަކުރަން، ހާއްސަކޮށް މީގެ ކުރިން ވިލިމާލޭގައި މިފަދަ ހިދުމަތެއް ނެތް އިރުގައި މިފަދަ ހިދުމަތެއް އައުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެން އެބަދޭ، މި ހިދުމަތް ފޯރުކޮށްދެވެނީ ހެޔޮ އަގެެއްގައި، އަނެއްކާ ކުރިން ވިލިމާލެ ފެރީ ޓާމިނަލާ ހަމައަށް ދުވަސްވީ ބޭފުޅުން ވަރަށް ގިނައިރު ހިނގަން މި ޖެހެނީ، އެއާޕޯޓަށް ފުރަންދާ ބޭފުޅުންވެސް މިދަނީ ފޮށިތައް ދަމާފައި، މިހާރު ފަސޭހަ ދަތުރެއް އެބަ ކޮށްލެވޭ،". ނަޝްމީ ވިދާޅުވިއެވެ.
ވިލިމާލޭގައި މި ހިދުމަތް މިވަގުތު ފޯރުކޮށްދެމުންދަނީ ޖުމްލަ ހަތަރު ކާރާއެކުގައިކަމަށް ނަޝްމީ ވިދާޅުވިއެވެ.
ލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން "މާލެ ޓެކްސީ" ލައިންގެ ހިދުމަތް ވިލިމާލޭގައި ފެށީ ޖޫން މަހުގެ ތެރޭގައެވެ.
"މާލެ ޓެކްސީ" ގެ ނަމުގައި އެމްޓީސީސީން ޓެކްސީގެ ހިދުމަތް ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޖުމްލަ 150 ކާރާއި އެކު އެމްޓީސީސީން މި ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދެއެވެ.
މާލެ ޓެކްސީ ލައިނަކީ، ގްރޭޓާ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.