ENGLISH
20 ޖުލައި 2026
އިންޑިއާގައި ބާއްވާ 26 ވަނަ "ފިކީ ފްރޭމްސް" މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި
19 ޖުލައި 2026
|
ފިކީ ފްރޭމްސްގެ ހަފްލާގެ ތެރެއިން - ފޮޓޯ: ފިކީ ފްރޭމްސް
އެންމެ މަޤްބޫލު
އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ މުނިފޫހިފިލުވުމުގެ ސިނާއަތުގެ ބޮޑު މައުރަޒު، "26 ވަނަ ފިކީ ފްރޭމްސް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފިލްމީ އުފެއްދުންތެރިންނާއި ބްރޯޑްކާސްޓަރުންނަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ 29 އިން 30 އަށް މުމްބާއީގައި ބާއްވާ މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަން އިންޑިއާ ސަރުކާރުން އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. މި ފުރުސަތުގެ ދަށުން ރާއްޖޭގެ ފިލްމު އުފައްދާ ފަރާތްތަކަށާއި، މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ބްރޯޑްކާސްޓަރުންނަށް މި މައުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު ވަނީ އަރުވާފައެވެ.
މި މައުރަޒުގެ މައިގަނޑު މަގުސަދަކީ މުނިފޫހިފިލުވުމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ފަންނުވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އިންވެސްޓަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖަންސް، ޑިޖިޓަލް މީޑިއާ، އަދި އޯޓީޓީ ޕްލެޓްފޯމް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައިގެން ސިނަމާ، ޓެލެވިޒަން، އެނިމޭޝަން، ވީއެފްއެކްސް އަދި ގޭމިންގ ފަދަ ދާއިރާތައް ދުނިޔޭގެ ބާޒާރަށް ފުޅާކުރުމަކީ ވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މައުރަޒުގެ ސަބަބުން މި ދާއިރާގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ބައިނަލްއަގުވާމީ ފަރާތްތަކާއެކު ގްލޯބަލް ޕާޓްނަޝިޕްތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ މައިދާނަށް ތަޢާރަފްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެ މިނިސްޓްރީން ދެކެއެވެ.
މި މަޢުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ހޯދުމަށް ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ) ގެ އީމެއިލް [email protected] އަށް ގުޅުމަށް މިނިސްޓްރީން ބުނެއެވެ. އަދި ރަޖިސްޓްރީވުމަށްފަހު އެ މަޢުލޫމާތު މިނިސްޓްރީގެ އީމެއިލް [email protected] އަށް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.