ENGLISH

18 އޭޕްރީލު 2025

Advertisement

ކަލިއާރީ އަތުން އިންޓަރ މޮޅުވެ، ލީގު ރޭހުގައި ކުރިއަށް

29 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ކަލިއާރީގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނިކޮށް އިންޓަރގެ ކެޕްޓަން، މާޓިނޭޒް (ވ) ވެއްޓެނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ކަލިއާރީ އަތުން 3-0 އިން މޮޅުވެ، އިންޓަރ މިލާނުން ލީގު ރޭހުގައި ކުރިއަށް ޖެހިލައިފިއެވެ.

އިންޓަރ ވަނީ ލީގުގައި ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބައިކޮޅަށް ލަނޑެއް ވަނަނުދީ މޮޅުވެފައެވެ.

މި ނަތީޖާއާއެކު އިންޓަ ވަނީ 17 މެޗުން 40 ޕޮއިންޓް ހަމަކޮށްފައެވެ. އެންމެ ކުރީގައި އުޅޭ އެޓަލާންޓާ އާއި އިންޓަރއާ ދެމެދު އެންމެ ޕޮއިންޓެއްގެ ފަރަގު އޮތްއިރު، އިންޓަރ އަށް ބާކީ އެއް މެޗު އެބައޮތެވެ. ތިންވަނައިގައި އުޅޭ ނަޕޯލީ އަށް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.

ކަލިއާރީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މި މެޗުގައި އިންޓަރގެ ލަނޑުތައް ޖަހައިދިނީ އަލެސަންދްރޯ ބަސްޓޯނީ، ލަޓާރޯ މާޓިނޭޒް އަދި ހަކަން ޗަޅަނޮގްލޫ އެވެ. މީގެތެރެއިން، ޗަޅަނޮގްލޫ ޖެހި ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން ބަލިވި ކަލިއާރީ އޮތީ ރެލިގޭޝަން ޒޯނުގައެވެ. އެ ޓީމަށް 18 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތާވަލްގެ 18 ވަނައިގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަށުން ބޭރުގައި އެމްޕޯލީ އަތުން ޖެނޯއާ މޮޅުވީ 2-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު