ENGLISH
19 ޖުލައި 2026
ޔޫއޭއީން މުދާ އިމްޕޯޓުކުރި މިންވަރު ދަށަށް، އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ ޗައިނާއިން
19 ޖުލައި 2026
|
މާލޭ ވިޔަފާރި ބަނދަރު
އެންމެ މަޤްބޫލު
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓުކުރީ ޗައިނާއިންކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކޮށްފައިވާ މާލީ އަދި އިގުތިސާދީ ހިސާބުތަކުން ދައްކައިފިއެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީން މޭ މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ މުދާ އިމްްޕޯޓުކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ. އެ މުއްދަތުގެ ތެރޭ ޔޫއޭއީން 356.2 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކުރިއެވެ. އަދި އެ އަހަރު ޖުމްލަކޮށް އެންމެ ގިނަ މުދާ އިމްޕޯޓުކުރީވެސް ޔޫއޭއީންނެވެ. މުޅި އަހަރު 645 މިލިއަން ޑޮލަރުގެ މުދާ އެ ގައުމުން އިމްޕޯޓުކުރިއެވެ. 2024 ވަނަ އަހަރު 723.1 މިލިއަން ޑޮލަރުގެ މުދާ އެ ގައުމުން އިމްޕޯޓުކޮށްފައިވެއެވެ.
ނަމަވެސް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައާ ގުޅިގެން އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު ޔޫއޭއީން ކަނޑުމަގުން މުދާ ގެނައުމަށް ހުރަސްތަކެއް އެޅި، ރާއްޖެއަށް އެ ގައުމުން މުދާ އެތެރެކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ.
މަރުކަޒީ ބޭންކުގެ މާލީ ހިސާބުތަކަށް ބަލާއިރު ޔޫއޭއީން 2026 ވަނަ އަހަރުގެ ފުރަތަަމަ ފަސް މަހު އެތެރެކޮށްފައިވަނީ 188.3 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އެ ގައުމުން ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގާ އަޅާބަލާއިރު 47.1 އިންސައްތައިގެ ދަށްވުމެކެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާއާއި އިންޑިޔާއިންނެވެ. ޗައިނާއިން 267.4 މިލިއަން ޑޮލަރުގެ މުދާ މި އަހަރުގެ ފުރަތަމަ ފަސް މަހު އެތެރެކުރިއިރު އިންޑިޔާއިން އެތެރެކޮށްފައިވަނީ 245 މިލިއަން ޑޮލަރުގެ މުދަލެވެ.
ޗައިނާއިން ރާއްޖެއަށް އެތެރެކުރި މުދަލުގެ ނިމުނު އަހަރާ އަޅާބަލާއިރު 28.1 އިންސައްތަ އިތުރުވެފައިވެއެވެ. ނިމުނު އަހަރު އެގައުމުން ރާއްޖެއަށް އެތެރެކުރީ 208.7 މިލިއަން ޑޮލަރުގެ މުދަލެވެ.
ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، އެ ގައުމާއި ރާއްޖެއާ ދޭތެރޭގައި ގާއިމުކޮށްފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާއިން މުހިއްމު ގިނަ ބާވަތްތަކެއްގެ މުދާ ޑިއުޓީއަކާ ނުލައި ރާއްޖެއަށް އެތެރެކުރެވެއެވެ. އަދި ސީފުޑުގެ ބާވަތްތައް ހިމެނޭ ގޮތަށް މުހިއްމު ގިނަ ބާވަތްތަކެއް ޑިއުޓީއާ ނުލައި ޗައިނާއަށް ބޭރުކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް އެ އެއްބަސްވުމުން ލިބެއެވެ.