ENGLISH
19 ޖުލައި 2026
މާލެ ޓެކްސީ ލައިނުން ދުވާލެއްގެ މައްޗަށް 1،300 ދަތުރުކުރޭ
19 ޖުލައި 2026
|
މާލެ ޓެކްސީ ލައިން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
އެންމެ މަޤްބޫލު
ސަރުކާރުން އަލަށް ފެށި "މާލެ ޓެކްސީ ލައިން" ހިދުމަތަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެ މިހާރުވެސް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1،300 ދަތުރުކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ --އެމްޓީސީސީން ބުނެފިއެވެެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މެނޭޖަރު މުހައްމަދު ނަޝްމީ ވިދާޅުވީ މާލެ ޓެކްސީ ލައިން ހިދުމަތަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ހާއްސަކޮށް މާލޭގެ އެތެރޭގެ ދަތުރުތަކަށް ލިބެމުން އަންނަ ތަރުހީބު ބޮޑުކަމަށް ނަޝްމީ ވިދާޅުވިއެވެ.
"ދުވާލެއްގެ މައްޗަށް މާލެ ޓެކްސީލައިނުން އެބަ ދަތުރުކުރޭ 1،200 އާއި 1،300އާ ދެމެދުގެ އަދަދެއްގެ މީހުން، ގިނަ ބަޔަކު މި ދަތުރުކުރަނީ މާލޭ ތެރޭގެ ދަތުރުތަކުގައި، ކުރިން ވަރަށް އުނދަގޫކަމެއްގެ ގޮތުގައި އޮންނަނީ މާލެ ތެރެއިން ދަތުރު ޓެކްސީ ހޯދަން، ނަމަވެސް މިހާރު މާލެ ޓެކްސީ ލައިނުން ކުރާ ދަތުރުތަކުގެ 30 އިންސައްތަ ދަތުރުތަކަކީ މާލެ ތެރޭގައި ކުރާ ދަތުރުތައް،" ނަޝްމީ ވިދާޅުވިއެވެ.
ސަރުކާރުގެ މާލެ ޓެކްސީ ލައިނުގެ ހިދުމަތަށް އެދޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި ނަޝްމީ ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެމްޓީސީސީން އިސްކަންދެމުން އަންނަކަމަށެވެ.
"މިހާރުވެސް މާލެ ޓެކްސީ ލައިނުން 70،000 އާއި 80،000 އާ ދެމެދުގެ އަދަދަކަށް ދަތުރުތައް ކުރެވިއްޖެ، ޕީކް ގަޑިތަކުގައި ވަރަށް ބާރު ބޮޑުވެގެންް އެބަދޭ، އެވަގުތުތަކުގައި މެކްސިމަމް ކެޕޭސީޓީ އަޅުގަނޑުމެން ބޭނުންކުރަންޖެހޭ، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ ޑްރައިވަރުން ހިދުމަތަށް ނިކުތީމަ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ،" ނަޝްމީ ވިދާޅުވިއެވެ.
މާލެ ޓެކްސީ ލައިނަކީ، ގްރޭޓާ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
ސަރުކާރުގެ ޓެކްސީ ލައިންއަކީ އެކަމަށް ދިރާސާކޮށް، ހާއްސަ ޕްލޭނެއްގެ ދަށުން ފެށި ހިދުމަތެކެވެ. ޖުމުލަ 150 ކާރު މި ހިދުމަތުގައި ބޭނުންކުރެއެވެ.
މި ޓެކްސީލައިންގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ:
ސައުވީސް ގަޑިއިރު ހިދުމަތް ލިބޭގޮތަށް ފެށި މި ހިދުމަތުގައި ބޭނުންކުރަނީ، ތިމާވެއްޓާ ރަހުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ހިދުމަތުގައި ބޭނުންކުރެއެވެ.