ENGLISH
19 ޖުލައި 2026
ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕުގެ ލޯ މެޑެލް
19 ޖުލައި 2026
|
ވޯލްޑް ކަޕުގެ ލޯ މެޑެއްޔާއެކު އިންގްލެންޑުގެ ކުޅުންތެރިން --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޮވި މެޗުގައި ފްރާންސާ ދެކޮޅަށް ކުޅެ 6-4 ގެ ނަތީޖާއަކުން ކުރިހޯދައި، އިންގްލެންޑުން މުބާރާތުގެ ލޯ މެޑަލް ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ މަޔާމީ ސްޓޭޑިއަމުގައި ރޭ ކުޅުނު މި ފޯރިގަދަ މެޗުގައި ފްރާންސްގެ ކީލިއަން އެމްބާޕޭ ވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ވާދަވެރި މި މެޗުގައި އިންގްލެންޑުގެ ބުކާޔޯ ސަކާ ހެޓްރިކެއް ހެދިއިރު، ޖޫޑް ބެލިންހަމް ވަނީ އެއް ވޯލްޑް ކަޕެއްގައި ހަތް ލަނޑު ޖެހި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ. މި މެޗަކީ ބަލާލަން ފޯރިގަދަ މެޗަކަށް ވީ ނަމަވެސް، ސެމީ ފައިނަލުން ބަލިވެ ތަށި ހޯދުމުގެ ފުރުސަތު ގެއްލުމުން ދެ ޓީމުންވެސް މުބާރާތް ނިންމާލީ މާޔޫސްކަމާއެކުގައެވެ. ފްރާންސް ސެމީ ފައިނަލުން ބަލިވީ ސްޕެއިން އަތުންނެވެ. އަދި އިންގްލެންޑް ބަލިވީ މެޗުގެ ފަހު ވަގުތު އާޖެންޓީނާ އަތުންނެވެ.
ވޯލްޑް ކަޕުގައި ފްރާންސާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އާސެނަލްގެ ފޯވާޑް ސަކާ ބުނި ގޮތުގައި ފްރާންސް ފަދަ ވަރުގަދަ ޓީމެއް ބަލިކުރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، އާޖެންޓީނާ އަތުން ބަލިވުމުން ލިބުނު ހިތާމަ އަދިވެސް އެބަހުއްޓެވެ. އޭނާ އިތުރަށް ބުނީ މޮޅުވިޔަސް އަދި ބަލިވިޔަސް ފާޑުކިޔުންތައް އަމާޒުވާނެ ކަމަށާއި، މުހިންމީ އެކަމުން ހިތްވަރު ލިބިގަނެ ކުޅުން ރަނގަޅުކުރުން ކަމަށެވެ. އަދި މިއަދު މުބާރާތް ނިންމާލީ ރަނގަޅު ނަތީޖާއަކާއެކު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ގަދަ ހޫނުގައި ކުޅުނު މި މެޗަށް ދެ ޓީމުގެ ކޯޗުންވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސް، މުހިންމު ބައެއް ކުޅުންތެރިން ބެންޗުގައި ބައިތިއްބާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޑެކްލަން ރައިސް ދުރުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް ކުރިހޯދައިދިންއިރު، އެޒްރީ ކޮންސާ ބޮލުން ޖެހި ލަނޑާއެކު ނަތީޖާ 2-0 އަށް ބަދަލުވިއެވެ. އޭގެ ފަހުން ސަކާ ޖެހި ދެ ލަނޑާއެކު، ފުރަތަމަ ހާފު ނިމުނުއިރު އިންގްލެންޑް އޮތީ 4-0 އިން ކުރީގައެވެ.
ފްރާންސްގެ ކޯޗުކަމުގައި ފަހު މެޗު ކުޅުނު ޑިޑިއޭ ޑެޝޭމްޕްސް ބުނި ގޮތުގައި ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެކެވެ. ނަމަވެސް ދެވަނަ ހާފުގައި އޭނާ ގެނައި ބަދަލުތަކާއެކު ކުޅުން ރަނގަޅުވެ، އެމްބާޕޭ ޖެހި ލަނޑާއެކު ފްރާންސުން އުއްމީދު އައުކުރިއެވެ. މި ލަނޑާއެކު އެމްބާޕޭ ވަނީ ރަން ބޫޓުގެ ރޭހުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށްވުރެ ކުރި ހޯދާފައެވެ.
ވޯލްޑް ކަޕުގައި ފްރާންސާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗުގެ ފޯރިގަދަވެގެން ދިޔައީ ބާކޯލާ އާއި އެމްބާޕޭ އިތުރު ލަނޑުތަކެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރުމުންނެވެ. މިގޮތުން އެމްބާޕޭ ޖެހި ދެވަނަ ލަނޑާއެކު، އޭނާ ވަނީ ޖުމްލަ 22 ލަނޑާއެކު ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު މުގުރާލާފައެވެ. ނަމަވެސް އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން ސަކާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ލީޑު ފުޅާކުރިއެވެ. މެޗުގެ ފަހުކޮޅު ޑެމްބެލޭ ފްރާންސަށް ހަތަރުވަނަ ލަނޑެއް ޖަހައިދިން ނަމަވެސް، ބެލިންހަމް ވަނީ އިންގްލެންޑުގެ ހަވަނަ ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްދީފައެވެ.
މި ކާމިޔާބީއާއެކު އިންގްލެންޑުން ވަނީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި އެ ޓީމުން ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދާފައެވެ. އަނެއްކޮޅުން 2018 ގައި ތަށި ހޯދައި އަދި ޖެހިގެން އައި މުބާރާތުގެ ރަނަރަޕްކަން ހޯދި ފްރާންސަށް މިފަހަރު ޖެހުނީ ހަތަރުވަނައިން ފުއްދާލާށެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި މިރޭ އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ސްޕެއިނެވެ.