ENGLISH

18 ޖުލައި 2026

Advertisement

ނޯތު ހާބަރުން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު ތަރައްގީކުރަނީ

18 ޖުލައި 2026

|

އައިމިނަތު ޝަފާ

މާލޭގެ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ. ފޮޓޯ؛ ރައީސް އޮފީސް.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޭރުމަގު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ނިންމައި، އަންނަ ހަފުތާގައި މަގު ހުޅުވުމަށް ތައްޔާރުވަމުންގެންދާކަމަށެވެ. މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ފެއްޓޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މަގުގެ މަސައްކަތް މި ނިމެނީ. ދެން މި ބައި ނިމުނީމައި އެމްޕީއެލުން ފެށިގެންގޮސް ރަސްފަންނާ ހިސާބަަށް ތަރައްގީކުރާނީ. އެއީ ހަގީގަތުގައި އެންމެ ބޮަޑަށް ގާތަށް މުގުރިފަ އަދި ހަލާކުވެފައި އޮތް ސަރަހައްދު މި ސަރަހައްދަކީ. އޭރުން ހަމަ ބާޒާރު އަދި ވިޔަފާރިތައް މި ހުންނަ ސަރަހައްދު އަދި މާލޭގެ އެތެރޭގެ މަގުތަކަށްވެސް ވަރަށް ބޮޑު ލުޔެއް އެ ލިބިގެންދަނީ." ރައީސް ވިދާޅުވިއެވެ.

މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަހައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީ ކުރުމުގެ މަޝްރޫއަކީ މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ފުޅާކުރުމުގެ އިތުރުން، ޒަމާނީ ފެންހިންދާ ނިޒާމެއް ގާއިމުކޮށް، ޓްރެފިކް ބެލެހެއްޓުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޓްރެފިކް ފްލޯ ރަނގަޅު ކުރުމަށް ހިންގާ މަޝްރޫއެކެވެ. 830 މީޓަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2025 އޮގަސްޓް މަހުގައެވެ. މީގެ ތެރޭގައި 737 މީޓަރުގެ ޝީޓް ޕައިލް ކުރުން ހިމެނެއެވެ.

އިއްޒުއްދީން ފާލަމާއި ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގެ ބައިތައް މިހާރު ވެސް ޓްރެފިކަށް ހުޅުވާލާފައިވާއިރު، އެންމެ ފަހުން ނިންމި ބައި އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ބެލެވެނީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު