ENGLISH

18 ޖުލައި 2026

Advertisement

ޔޫތު ޗެމްޕިއަންޝިޕް: ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާއިން ތަށި ދިފާއުކޮށްފި

17 ޖުލައި 2026

|

އިސްމާއިލް ޝާހު

ޔޫތު ޗެމްޕިއަންޝިޕުގެ ތައްޓާއެކު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: މާޒިޔާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

މި އަހަރުގެ މުބާރާތްވެސް މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ މެޗަކުން ބަލިނުވެއެވެ. އެގޮތުން ފައިނަލުގެ ކުރިން ކުޅުނު ލީގު ބުރުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، އެއްވަރުވީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗެވެ.

އެކަމަކު ފައިނަލްގައި ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާއިން ތަށި ދިފާއުކުރިއިރު، މިއީ މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެގޮތުން އެ ޓީމުން ވަނީ މިދިޔަ އަހަރުގެ އިތުރުން، 2011 ވަަނަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މާޒިޔާއިން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އޭދަން އަޙްމަދު މޫސާ ޖަހައިދިން ލަނޑުންނެވެ. އަދި 73 ވަނަ މިނެޓުގައި ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވަނީ މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަޙްމަދު ހަމްދާން އަޒްލީން ނއިު ރޭޑިއަންޓަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، މެޗުގެ ފަހު މިނެޓުގައި ނައްސާހު އިބްރާހީމް ނާސިރު ވަނީ މާޒިޔާއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި މާޒިޔާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އަލްހާން ފައިސަލް އަމީނެވެ.

މި އަހަރުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރިއިރު، އެ ޓީމުތަކަކީ މާޒިޔާ އާއި، ނިއު ރޭޑިއަންޓުގެ އިތުރުން ބުރު ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ކެޔޮދޫއެވެ.

ކިޔުންތެރިންގެ ހިޔާލު