ENGLISH

17 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ފައިނަލް މެޗުގެ ރެފުރީއަކަށް ސްލޮވީނިއާގެ ވިންޗިޗް

17 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި އިންސާފުކުރާނެ ސްލޮވީނިއާގެ ރެފުރީ ސްލާވްކޯ ވިންޗިޗް --- ފޮޓޯ: ގެޓީ

އަންނަ އާދީއްތަ ދުވަހުގެރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ރެފުރީކަން ކުރުމަށް ސްލޮވީނިއާގެ ސްލާވްކޯ ވިންޗިޗް ހަމަޖައްސައިފިއެވެ. މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެއްގައި އޭނާ ރެފުރީކަން ކުރިތާ ދެ އަހަރު ފަހުން ލިބުނު ފުރުސަތެކެވެ.

ފީފާއިން މިކަން އިއުލާންކުރީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ފައިނަލް މެޗުގައި ވިންޗިޗަށް އެހީތެރިވެދޭނީ ސްލޮވީނިއާގެ ދެ ރެފުރީން ކަމަށްވާ ތޯމަޒް ކްލަންޗްނިކް އާއި، އަންދްރާޒް ކޮވަޗިޗެވެ. ހަތަރުވަނަ އޮފިޝަލަކަށް ހަމަޖައްސާފައިވަނީ އުރުދުންގެ އަދުހަމް މަޚާދުމާއެވެ.

ވޯލްޑް ކަޕުގެ ފައިނަލް ވެގެންދާނީ މި މުބާރާތުގައި ވިންޗިޗް އިންސާފުކުރާ ހަތަރުވަނަ މެޗަށެވެ. މީގެ ކުރިން އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ބްރެޒިލް އާއި މޮރޮކޯ، އަދި އުރުދުން އާއި އަލްޖީރިއާ ބައްދަލުކުރި މެޗުތަކުގެ އިތުރުން، ދެވަނަ ބުރުގައި މެކްސިކޯ އާއި އެކުއަޑޯ ކުޅުނު ފޯރިގަދަ މެޗުގައިވެސް ރެފުރީކަން ކޮށްފައެވެ.

ވޯލްޑް ކަޕުގެ ފައިނަލް މެޗުގެ ރެފުރީ ވިންޗިޗް އާއެކު، ދެ އެސިސްޓަންޓުން ތޯމަޒް ކްލަންޗްނިކް އަދި އަންދްރާޒް ކޮވަޗިޗް --- ފޮޓޯ: ގެޓީ

އެ މެޗުގައި "ވިނީޝިއުސް ލޯ" ގެ ނަމުން މަޝްހޫރުވެފައިވާ ތަފާތުކުރުންތަކާ ދެކޮޅު ގަވާއިދުގެ ދަށުން، އެކުއަޑޯގެ ޑިފެންޑަރު ޕިއޭރޯ ހިންކާޕީއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވިންޗިޗަށް ހުއްޓުނެވެ.

ވިންޗިޗަކީ ބައިނަލްއަގުވާމީ އަދި ކުލަބު ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު ރެފުރީއެކެވެ. އުމުރުން 46 އަހަރުގެ މި ރެފުރީ ވަނީ 2024 ވަނަ އަހަރު ވެމްބްލީ ސްޓޭޑިއަމްގައި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އިންސާފުކޮށްފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައިވެސް އޭނާ ވަނީ ރެފުރީކަން ކޮށްފައެވެ. 

އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލަކީ ވިންޗިޗް، ސްޕެއިން ނުވަތަ އާޖެންޓީނާގެ މެޗެއްގައި އިންސާފުކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ އަތުން 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވި މެޗުގައިވެސް ރެފުރީއަކީ އޭނާއެވެ. ހަމައެއާއެކު ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގައި އިޓަލީ އަތުން 1-0 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގައިވެސް އިންސާފުކުރީ ވިންޗިޗެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ވިންޗިޗް މިހާތަނަށް އިންސާފުކުރި ތިން މެޗުގައި އޭނާ ވަނީ ހަތް ރީނދޫ ކާޑާއި، އެއް ރަތް ކާޑު ދައްކާފައެވެ. ނަމަވެސް އެއްވެސް މެޗެއްގައި ޕެނަލްޓީއެއް ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު