ENGLISH
17 ޖުލައި 2026
ލިވަޕޫލާއެކު ފަސް އަހަރުގެ އައު އެއްބަސްވުމެއްގައި ސޮބޯސްލާއި ސޮއިކޮށްފި
17 ޖުލައި 2026
|
ލިވަޕޫލަށް ކުޅެމުން އަންނަ ހަންގޭރީގެ ހުނަރުވެރި މިޑްފީލްޑަރު ޑޮމިނިކް ސޮބޯސްލާއި --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ލިވަޕޫލަށް ކުޅެމުން އަންނަ ހަންގޭރީގެ ހުނަރުވެރި މިޑްފީލްޑަރު ޑޮމިނިކް ސޮބޯސްލާއި، އެ ކުލަބާއެކު އިތުރު ފަސް އަހަރު ދުވަހުގެ އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ސޮބޯސްލާއި ލިވަޕޫލާ ގުޅުނީ 2023 ވަނަ އަހަރު ޖަރުމަނުގެ އާރްބީ ލައިޕްޒީގުން 60 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. ނިމިދިޔަ ސީޒަނުގައި ލިވަޕޫލްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ އޭނާއެވެ. އެގޮތުން އޭނާ ވަނީ 13 ލަނޑު ޖަހައި، 12 ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައެވެ.
އައު އެއްބަސްވުމާ ގުޅޭގޮތުން ސޮބޯސްލާއި ބުނީ، "އަބަދުވެސް މިއަށްވުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ގަބޫލުކުރަން. އަހަރެން ދުވަހަކުވެސް މިހާރު މިހުރި މިންވަރަކުން ފުދިގެން ހިތްހަމަޖެހިގެން ނުހުންނާނަން. އަހަރެން ބޭނުމީ އެންމެންނަށް ނަމޫނާ ދައްކާ ކުޅުންތެރިއަކަށް ވާން. އަދި ވީ އެންމެ ބޮޑަކަށް އެހެން މީހުންނަށް މިސާލަކަށް ވާން." ކަމަށެވެ.
އޭނާ އިތުރަށް ބުނިގޮތުގައި، "އަހަރެން މި ކުލަބާ ގުޅުނުއިރުވެސް ބުނިން ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ބޭނުންވާ ވާހަކަ. އެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދޭ. އަހަރެން ބޭނުމީ މި ގައުމުގައި ކާމިޔާބު ކުރެވެން ހުރި ހުރިހާ ތަށްޓެއްގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރަން. އެކަމަށް އަހަރެން މިހުރީ ފުރިހަމައަށް ތައްޔާރަށް." ކަމަށެވެ.
ހަންގޭރީގެ ޤައުމީ ޓީމުގެ ކެޕްޓަން ސޮބޯސްލާއިގެ ކުރީގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، އޭނާގެ މުސްތަގުބަލާ މެދު ދެކެވޭ ވާހަކަތަކަށް މިވަނީ ނިމުމެއް އައިސްފައެވެ. މިއީ އޭނާގެ އޭޖެންޓުންނާއި ލިވަޕޫލްގެ ސްޕޯޓިންގ ޑައިރެކްޓަރު ރިޗަޑް ހިއުސްއާ ދެމެދު މަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަށްފަހު އައުކުރެވުނު އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕްރީ-ސީޒަން ތަމްރީނުތަކަށް މިދިޔަ އަންގާރަ ދުވަހު ސޮބޯސްލާއި އެނބުރި ލިވަޕޫލަށް ގޮސްފައިވާއިރު، އަންނަ ހަފުތާގައި ލިވަޕޫލުން އެމެރިކާއަށް ކުރާ ޕްރީ-ސީޒަން ދަތުރުގައި އޭނާ ބައިވެރިވާނެއެވެ.