ENGLISH

17 ޖުލައި 2026

Advertisement

ތުއްތުއިރު އަތްމަތީގައި ފެންވެރުވި ޔަމާލް، ވޯލްޑް ކަޕް ކާމިޔާބުކުރުމަށް މިއަދު މެސީއާ ދެކޮޅަށް

17 ޖުލައި 2026

|

އިސްމާއިލް ޝާހު

ލިއޮނެލް މެސީ އުމުރުން 20 އަހަރުގައި، ތުއްތު ލަމީން ޔަމާލް ފެންވަރުވަނީ -- ފޮޓޯ: ޖޯން މޮންފޯޓް

މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން، ފޮޓޯގްރާފަރު ޖޯން މޮންފޯޓް، ޒުވާން ލިއޮނެލް މެސީ ކުޑަކުއްޖަކު ފެންވަރުވަން އިންނަ ފޮޓޯއެއް ނެގިއިރު، އެއީ މިހާ ބޮޑު ކަމަކަށް ވާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ނަމަވެސް އަހަރުތަކަކަށްފަހު އެ ތުއްތު ކުއްޖާއަކީ މަޝްހޫރު ފުޓުބޯޅަ ތަރި ލަމީން ޔަމާލްކަން އެނގުމުން، މިއީ ތަގުދީރުގެ ވަރަށް އާދަޔާޚިލާފު ނިންމުމެއްކަން ހާމަވެގެންދިޔައެވެ.

އިސްތަށިގަނޑު ދިގުކޮށް ހުރި މެސީ، ސައިބޯނި ފޮނުތަކާއެކު ޔަމާލް ފެންވަރުވަން އިންނަ މި ފޮޓޯތަކަކީ މިހާރު ދުނިޔޭގެ އެންމެ ގިނަ ބަޔަކު ދައްކާ ވާހަކައަށް ވަނީ ވެފައެވެ. އާދީއްތަ ދުވަހުގެރޭ އޮންނަ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލްގައި، މެސީގެ އާޖެންޓީނާ އާއި ޔަމާލްގެ ސްޕެއިން ބައްދަލުކުރާއިރު، މި ފޮޓޯއިން ސިފަވަނީ ފުޓްބޯޅައިގެ ރަސްގެފާނު އޭނާގެ ވަލީއަހުދު ކަނޑައަޅާ ފަދަ މަންޒަރެކެވެ.

"މިއީ އިއްތިފާގެއް ކަމަށް ގަބޫލުކުރަން ދަތި މިންވަރަށް އާދަޔާޚިލާފު ކަމެއް،" ބާސެލޯނާގައި ހުރެ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދިން އިންޓަވިއުއެއްގައި މޮންފޯޓް ބުންޏެވެ. އޭނާ ބުނިގޮތުގައި މިއީ ބުއްދިއަށް ގަބޫލުކުރަންވެސް ދަތި، ހަމަޖެހޭ އެއްވެސް އުސޫލަކުން މާނަ ނުކުރެވޭނެ ވަރުގެ ކަމެކެވެ.

މޮންފޯޓް މި ފޮޓޯތައް ނެގީ 2007 ވަނަ އަހަރު، ސްޕެއިންގެ ނޫހެއް ކަމަށްވާ ސްޕޯޓް އާއި ޔުނިސެފް ގުޅިގެން ތައްޔާރުކުރި ކަލަންޑަރަކަށެވެ.

މި ކަލަންޑަރުގައި ބައިވެރިވުމުގެ ފުރުސަތު ޔަމާލްގެ މަންމައަށް ލިބުނީ ބާސެލޯނާ ކައިރީގައި އޮންނަ މަޓާރޯ ސިޓީގެ އާއިލާތަކުގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ. އެ ނަސީބުވެރި ގުރުއަތުގެ ސަބަބުން، އޭގެ 15 އަހަރު ފަހުން ބާސެލޯނާގެ ތަރިއަކަށް ވި ޔަމާލަށް، ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ މެސީއާއެކު މި ހަނދާނީ ފޮޓޯ ނެގުމުގެ ފުރުސަތު ލިބުނީއެވެ.

ކުލަބަށް ދިމާވި މާލީ ދަތިތަކާހުރެ 2021 ވަނަ އަހަރު މެސީ ބާސެލޯނާ ދޫކޮށް ދިޔައީ ވަރަށް އަސަރާއެކުގައެވެ. އޭގެ ދެ އަހަރު ފަހުން ޔަމާލް އެ ކުލަބުގެ ތަރިއެއްގެ ގޮތުގައި ފާޅުވިއެވެ. އެ ތުއްތު ކުއްޖާގެ ދަތުރު މިހާރު ވަނީ ވޯލްޑް ކަޕުގެ ފައިނަލާ ހަމައަށް ފޯރާފައެވެ. އުމުރުން 19 އަހަރުގެ ޔަމާލް މި ފައިނަލްގައި ކުރިމަތިލާނީ އޭނާއަށްވުރެ 20 އަހަރު ދޮށީ، އޭނާ ފެންވަރުވައިދިން މެސީއާއެވެ.

މެސީ، ތުއްތު ލަމީން ޔަމާލް އުރާލައިގެން -- ފޮޓޯ: ޖޯން މޮންފޯޓް

މި މަޝްހޫރު ފޮޓޯ އަލުން ފެންމަތިވީ...

2024 ވަނަ އަހަރުގެ ޔޫރޯގެ ތެރޭގައި ޔަމާލްގެ ބައްޕަ އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރަންދެން، ފޮޓޯގްރާފަރު މޮންފޯޓުގެ ހަނދާނަކުވެސް އެ ފޮޓޯތަކެއް ނެތެވެ. އެއީ ޒުވާން ޔަމާލް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ވިދާލައި، ސްޕެއިން މުބާރާތުގެ ތަށި ހޯދުމަށް މަގުފަހިކޮށްދިން ދުވަސްވަރެވެ. އޭރު އެ ފޮޓޯ ވަރަށް ބޮޑަށް ވައިގައި ހިފިއެވެ. ނަމަވެސް ވޯލްޑް ކަޕުގެ ފައިނަލް ކައިރިވަމުން އަންނައިރު، އެ ފޮޓޯތަކަށް އޮތް ޝައުގުވެރިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް މޮންފޯޓް ބުންޏެވެ.

"މިއީ މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ކަމެއް. އަދި ފައިނަލް މެޗު އެމެރިކާގައި ބޭއްވުމަކީ މީގެ ފޯރި އިތުރުވެގެންދިޔަ ސަބަބެއް،" މޮންފޯޓް ބުންޏެވެ. "އަދި މިއީ މެސީ އާއި ޔަމާލްގެ ކުރިމަތިލުމަކުން ނިމިގެންދާ ފައިނަލަކަށް ވުމަކީ އެއްވެސް ފިލްމެއްގެ ސްކްރިޕްޓަކަށް ވުރެ ފުރިހަމަ ކަމެއް."

މޮންފޯޓް ބުނި ގޮތުގައި، ޕްރޮފެޝަނަލް މީޑިއާތަކުން އެ ފޮޓޯތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަންނަނީ އޮހެމުންނެވެ. ހަމައެއާއެކު، އެއްވެސް ކްރެޑިޓެއް ނުވަތަ އުޖޫރައެއް ނެތި ސޯޝަލް މީޑިއާ އާއި އިންޓަނެޓުގައި އޭނާގެ ފޮޓޯތައް އެތައް ފަހަރަކު ބޭނުންކުރަމުންދާ މަންޒަރުވެސް އޭނާއަށް ފެންނަމުންދެއެވެ.

ޔަމާލް އާއެކު ސްޕެއިން ޓީމަށް ކުޅޭ މިކޭލް މެރީނޯއަށްވެސް އެ ފޮޓޯ ފެނުމުން ކުރެވުނީ ގިނަ މީހުންނަށް ކުރެވުނު ކަހަލަ އިހުސާސެކެވެ.

"އެންމެ ފުރަތަމަ އެ ފޮޓޯ ފެނުމުން އަހަރެން ހީކުރީ އެއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ހަގީގީ ނޫން ފޮޓޯއެއް ކަމަށް،" މެރީނޯ ބުންޏެވެ. "ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން، އަދި އުއްމީދަކީ ކުރިމަގުގައި ޔަމާލަކީވެސް އެފަދަ ކުޅުންތެރިއަކަށް ވުން. އެއް ފޮޓޯއަކުން ފެނުމަކީ ގަބޫލުކުރަންވެސް ދަތި ކަމެއް. އުއްމީދަކީ މި ދެ ކުޅުންތެރިންގެ ފަރާތުން އެންމެ ފުރިހަމަ ކުޅުން ފެނިގެންދާ، ފޯރިގަދަ ފައިނަލެއް ފެނިގެންދިއުން. އަދި ހުރިހާ ސަޕޯޓަރުންނަށް ފޯރިގަދަ މަންޒަރުތަކެއް ފެނިގެންދިއުން."

މެސީ އާއެކު ތުއްތު ލަމީން ޔަމާލް އަދި އޭނާގެ މަންމަ -- ފޮޓޯ: ޖޯން މޮންފޯޓް

ބާސެލޯނާގެ ސަޕޯޓަރުން ދެކަފިވެފައި

ބާސެލޯނާގެ ގިނަ ސަޕޯޓަރުންނެކޭ އެއްފަދައިން، މޮންފޯޓުގެ ތާއީދުވެސް ވަނީ ދެބައިވެފައެވެ. ބާސެލޯނާގެ މަގުތަކުން، ބާސެލޯނާ އާއި ސްޕެއިން ޤައުމީ ޓީމަށް ކުޅޭއިރު ޔަމާލް ބޭނުންކުރާ ޖާޒީތަކުގެ އިތުރުން، މެސީ ބާސެލޯނާގައި އުޅުނު ދުވަސްވަރުގެ ޖާޒީ ނުވަތަ އާޖެންޓީނާ އަދި މިހާރު އޭނާ ކުޅެމުންދާ އިންޓަރ މަޔާމީގެ ޖާޒީ ލައިގެން އުޅޭ ކުޑަކުދިން ފެނުމަކީ ވަރަށް އާންމު ކަމެކެވެ.

އުމުރުން 58 އަހަރުގެ މޮންފޯޓް، ނިއު ޖާޒީގައި އޮންނަ ފައިނަލް މެޗު ބަލަން ދިޔުމާ މެދު ވިސްނަމުންދާއިރު، އޭނާ ބުނި ގޮތުގައި ދަނޑަށް ގޮސްގެން ނުވަތަ ގޭގައި އިނދެގެން މެޗު ބެލި ކަމުގައި ވިޔަސް، ވަކި ޓީމަކަށް ސަޕޯޓުކުރުމަކީ އޭނާއަށް ކުރަން އުނދަގޫ ކަމަކަށް ވާނެއެވެ.

"ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ (މެސީ) ދެކެ އަހަރެންގެ ހިތުގައި އޮތީ ދުވަހަކުވެސް ފަނޑުވުމެއް ނެތް ލޯތްބެއް،" އޭނާ ބުންޏެވެ. ނަމަވެސް، "ޔަމާލް މިވަނީ މިހާތަނަށް އޮތް އާންމު އުސޫލުތައް މުޅިން ބަދަލުކޮށްލާފައި." މޮރޮކޯ އަދި އިކުއެޓޯރިއަލް ގިނީއަށް ނިސްބަތްވާ މައިންބަފައިންނަށް އުފަންވި ޔަމާލް ރަމްޒުކޮށްދެނީ، ތަފާތު ނަސްލުތަކާއި ސަގާފަތްތައް އެކުލެވިގެންވާ ސްޕެއިންގެ އައު ޖީލެވެ. "މަގޭ ހިތަށް އަރަނީ ދެ ކުޅުންތެރިންނަށްވެސް ކާމިޔާބު ލިބިދާނެއޭ. މިހާތަނަށް ފެނިފައިވާ ކަންތައްތަކަށް ބަލާއިރު، އެއީ ވެދާނެ ކަމެއް ކަމަށް އަހަރެން ގަބޫލުކުރަން."

ކިޔުންތެރިންގެ ހިޔާލު