ENGLISH
17 ޖުލައި 2026
ސަމާލުވޭ! ބީއެމްއެލްގެ މެއިންޓެނަންސް މަސައްކަތަކާ ގުޅިގެން ކުރީގެ އާރްޓީއެލް ދަތުރުތަކުގެ މެސެޖުތަކެއް ލިބިދާނެ
17 ޖުލައި 2026
|
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ މެއިންޓެނަންސް މަސައްކަތްތަކަކާ ގުޅިގެން، އާރްޓީއެލްގެ ހިދުމަތް ހޯދާފައިވާ ކަސްޓަމަރުންނަށް މީގެ ކުރިން ކޮށްފައިވާ ދަތުރުތަކުގެ ފައިސާ ކެނޑުނުކަމުގެ މެސެޖުތަކެއް ލިބިދާނެކަން ހާމަކޮށް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާރްޓީއެލްގެ ދަތުރުތަކަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ބީއެމްއެލްގެ ސާވާތަކަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމަށްޓަކައި ބޭންކުން މެއިންޓެނަންސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާއިރު، މީގެ ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ފައިސާގެ މުއާމަލާތްތަކުގެ މެސެޖުތައް ކަސްޓަމަރުންނަށް ލިބުމުގެ ފުރުސަތު އޮތްކަން ބޭންކުން އަންގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ. އަދި މިގޮތަށް ލިބޭ މެސެޖުތަކަކީ މީގެ ކުރިން ކުރެވިފައިވާ ދަތުރުތަކާ ގުޅުންހުރި މެސެޖުތަކެއްކަން އެކުންފުނިންވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފައެވެ.
އާރްޓީއެލްގެ ޚިދުމަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެރީއާއި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި ހިދުމަތުގެ ފައިސާ ދެއްކުމަށް ގިނަ ބަޔަކު ބޭނުންކުރަނީ ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެވެ.
މިކަމާ ގުޅިގެން އޮޅުންއަރާ ކަމެއް ވާނަމަ ނުވަތަ އިތުރު މައުލޫމާތެއް ބޭނުންނަމަ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.