ENGLISH

18 ޖުލައި 2026

Advertisement

ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ބައިވެރިއެއް: ރައީސް

18 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސް މުޢިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސްޝީ ޖިންޕިންއާ ސަލާމުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ފައިދާވާ ކަންކަމަށް އެއްބާރުލުން ލިބޭކަމުގައިވާނަމަ ދުނިޔޭގެ ކޮންމެ ގައުމަކާ އެކުވެސް ރާއްޖެއިން ގާތް ގުޅުމެއް ބާއްވާނެކަމަށެވެ. ދިވެހިންނަށް އިސްކަންދިނުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަން ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

"އޭގެ ތެރެއިންވެސް ޗައިނާ ސަރުކާރަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ހާއްސަކޮށް އުމްރާނީ ތަރައްގީއާއި ބޯހިޔާވަހިކަމާއި މިކަންކަމުގައި ވަރަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް، މި ސަރުކާރުގެ ސިޔާސަތަކީ ޗައިނާ ސަރުކާރާއެކު މިފަދަ މަސައްކަތްތައް ކުރުން، ވަރަށް އިތުބާރުކުރެވޭ ގައުމެއް ޗައިނާއަކީ،" ޗައިނާއާއެކު ރާއްޖެއިން އޮންނަނީ ހަރުދަނާ ގާތް ގުޅުމެއްކަން ހާމަކުރައްވައި ރައީސް ވިދާޅުވިއެވެ. 

ޒަމާންތަކަކަށް ފަހު، މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމަށް ހިންގާ ފުރަތަމަ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން 2027 ގެ ކުރީކޮޅު ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު މިއީ ވެސް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. 

މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭ މަގުތައް ހެދުމުގެ މަޝްރޫއަކީ ޗައިނާއަށް ރައީސުލްޖުމްހޫެރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަމަޖެހުނު މަޝްރޫއެކެވެ. ޗައިނާއިން ހިލޭ އެހީ ދީގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ސާވޭ ޑިޒައިންއާއި، ކޮންސްޓްރަކްޝަން ހަވާލުކުރުމުގެ މަރުހަލާތައް ކުރިއަށްގެންދަނީ އެގައުމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ހިންގާ ޕްރޮކިއުމެންޓުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު