ENGLISH
18 އޭޕްރީލު 2025
ރެޑީގެ ފުރަތަމަ ޓެސްޓް ސައްތައާ އެކު އިންޑިއާއަށް އުއްމީދެއް
28 ޑިސެމްބަރު 2024
|
ސައްތަ ހެދުމަށްފަހު އިންޑިއާގެ އޯލްރައުންޑަރު، ރެޑީ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ބޯޑަރު-ގަވަސްކަރް ޓްރޮފީގެ ހަތަރުވަނަ ޓެސްޓްގައި އިންޑިއާގެ އޯލްރައުންޑަރު، ނިތީޝް ކުމާރް ރެޑީ ނުބައިނުވެ ފުރިހަމަކުރި ސައްތައާ އެކު އެ ޓީމުން މެޗުގައި ރަނގަޅު މަގާމަކަށް ޖެހިލައިފިއެވެ.
އޮސްޓްރޭލިއާ އާ ދެކޮޅަށް މިހާރު އެ ޤައުމުގައި ކުރިއަށްދާ ޓެސްޓް ސީރީޒްގެ ހަތަރުވަނަ މެޗުގެ ކުޅުމުގެ ތިންވަނަ ދުވަހުގެ ކުޅުން މެދުކަނޑާލުމާ ހަމައަށް އިންޑިއާ އިން ވަނީ، ނުވަ ވިކެޓަށް 358 ލަނޑު ހަދައިފައެވެ.
މެލްބަންގައި މިހާރު ކުޅެމުންދާ ހަތަރުވަނަ މެޗުގެ ފުރަތަމަ އިނިންގްސްގައި ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ކުޅެން އަރައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން 474 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 140 ލަނޑު ހެދި ކުރީގެ ކެޕްޓަން، ސްޓީވެން ސްމިތު އެވެ. އޮސްޓްރޭލިއާގެ ފުރަތަމަ އިނިންގްސްގައި ދެން އެންމެ ރަނގަޅަށް ކުޅުނު ސޭމް ކޮންސްޓަސް އާއި މާނުސް ލަބުޝާނޭ ކުރެން ކޮންމެ ކުޅުންތެރިއަކު ބައިސައްތަ ހެދިއެވެ.
މެޗުގެ ފުރަތަމަ އިނިންގްސްގައި އިންޑިއާގެ ވައިސް ކެޕްޓަން، ޖަސްޕްރީތު ބުމްރާ ހަތަރު ވިކެޓްނެގިއިރު، ރަވިންދްރަ ޖަދޭޖާ ވަނީ ތިން ވިކެޓްނަގައިފައެވެ.
މި މެޗުގެ ދެވަނަ އިނިންގްސްގައި އިންޑިއާ އިން ކުޅެން އަރައި، ކެޕްޓަން ރޯހިތު ޝަރްމާ ނުބައިވީ އެންމެ ތިން ލަނޑަށެވެ. އަދި، ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ވެސް 36 ލަނޑަށް ނުބައިވިއިރު، ރިޝާބް ޕަންތު ނުބައިވީ 26 ލަނޑަށެވެ.
އިންޑިއާގެ އިނިންގްސްގައި ރަނގަޅު މިސްރާބަކަށް ގެންގޮސްދިނީ އަށްވަނަ އަށް ކުޅެން ނުކުތް އުމުރުން 21 އަހަރުގެ ރެޑީ އެވެ. މެޗުގެ ތިންވަނަ ދުވަހުގެ ކުޅުން ނިންމާލިއިރު ރެޑީ ވަނީ ނުބައިނުވެ 105 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އޯޕަނިންގ ބެޓްސްމަން، ޔަޝަސްވީ ޖެއިސްވާލް 82 ލަނޑުހެދިއިރު، ބޯލިންގ އޯލްރައުންޑަރު، ވޮޝިންގޓަން ސުންދަރް ވަނީ 50 ލަނޑު ހަދައިފައެވެ.
އިންޑިއާއާ އޮސްޓްރޭލިއާ ދެމެދު ކުރިއަށްދާ ޓެސްޓް ސީރީޒްގައި މިހާތަނަށް ކުޅުނު ތިން މެޗަށްފަހު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފަސްވަނަ ޓެސްޓް އޮންނާނީ ޖެނުއަރީ 3 ވަނަ ދުވަހުއެވެ.