ENGLISH
18 އޭޕްރީލު 2025
ސަކާ އަށް އަނިޔާވެ، ދެ މަހަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް
28 ޑިސެމްބަރު 2024
|
ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ސަކާ އަށް ފަރުވާދެނީ. --ފޮޓޯ: ރޮއިޓާސް
އާސެނަލްގެ ތަރި، ބުކާޔޯ ސަކާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކުރުމާ ގުޅިގެން ދެ މަހަށްވުރެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިދާނެ ކަމަށް އެ ޓީމުގެ ކޯޗު، މިކޭލް އާޓޭޓާ ބުނެފިއެވެ.
އުމުރުން 23 އަހަރުގެ ސަކާ އަށް އަނިޔާވީ، ލީގުގައި މިދިޔަ ހަފްތާގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުމުގެ 24 މިނެޓަށް ފަހު މި އަނިޔާގެ ސަަބަބުން ސަކާ ވަނީ ބަދަލުކޮށްފައެވެ.
ސަކާގެ އަނިޔާއާ ގުޅޭގޮތުން އާޓޭޓާ ބުނީ، ސަކާގެ އޮޕަރޭޝަނުގެ ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށާއި، މިއާއެކު ގިނަ ހަފްތާތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އާޓޭޓާ ބުނީ، ގިނަ ހަފްތާތަކެއްގެ ގޮތުގައި އޭނާ ސިފަކުރި ނަމަވެސް ބެލެވޭ ގޮތުގައި އަނިޔާއިން ރަނގަޅުވެ ސަކާ އަށް ކުޅުމަށް އެނބުރި އާދެވެން ދެ މަހަށްވުރެ ގިނަ މުއްދަތެއް ނަގާނެ ކަމަށެވެ.
ސަކާ އަކީ މިދިޔަ ހަތަރު ވަރަކަށް ސީޒަނަށް ބަލާއިރު ވެސް އާސެނަލްގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. މި ފަހަރުގެ ސީޒަނުގައި ހުރިހާ މުބާރާތެެއް ހިމެނޭ ގޮތަށް ސަކާ ވަނީ ނުވަ ލަނޑުޖަހައި، އިތުރު 13 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.
މިދިޔަ ދެ ސީޒަނުގައި ވެސް ލީގުގެ ތައްޓަށް ވާދަކޮށް އާސެނަލަށް މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރިހޯދޭ ގޮތް ނުވިއިރު، މި ފަހަރުގެ ސީޒަނުގެ ކުރީކޮޅުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ލީގު ރޭހުގައި އެ ޓީމު އޮތީ ލިވަޕޫލަށް ވުރެ ހަ ޕޮއިންޓް ފަހަތުގައެވެ.
ލީގުގައި އާސެނަލަށް ދެން އޮތީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.