ENGLISH

18 އޭޕްރީލު 2025

Advertisement

ބާސެލޯނާގެ އެޕީލަށް ކޯޓުން އިޖާބަ ނުދިނުމުން ލަލީގާ އިން އެ ނިންމުމަށް މަރުހަބާ ކިޔައިފި

28 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ބާސެލޯނާގެ ތަރި، އޮލްމޯ. --ފޮޓޯ: އީއެސްޕީއެން

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު، ޑަނީ އޮލްމޯ އެ ކްލަބުގައި ރަޖިސްޓްރީ ކުރުމަށް އެޕީލްކުރުމަށް ހުށަހެޅުމުން އެ ފުރުޞަތު ނުދޭން ކޯޓުން ނިންމި ނިންމުމަށް ލަލީގާ އިން މަރުހަބާ ކިޔައިފިއެވެ.

ކޯޓުގެ ނިންމުމާ ގުޅޭގޮތުން ލަލީގާ އިން ބުނީ، ސްޕެނިޝް ލީގުގެ ނިންމުން ރަނގަޅުކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަަށެވެ. އަދި އޮލްމޯ އަށް ޖޫން 30، 2025 ގެ ކުރިން ބާސާގެ ސްކޮޑުގައި ނުހިމެނޭނެކަމަށް ނިންމި ނިންމުމުން އެކަން ސާބިތުވެގެން ހިނގައްޖެ ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ އޮގަސްޓް މަހު ގާތްގަނޑަކަށް 55 މިލިއަން ޔޫރޯ (57.39 މިލިއަން އެމެރިކާ ޑޮލަރު) ގެ ޓްރާންސްފާ ފީ އަކަށް އާރްބީ ލީޕްޒިގުން އޮލްމޯ ގެނައި ނަމަވެސް، ސްޕެނިޝް ލީގުގެ މުސާރައިގެ ޤަވާއިދުތަކުގެ މިންގަނޑަށް ނުފެތޭތީވެ، ބާސެލޯނާ އަށް އެ ކުޅުންތެރިޔާ ފުރިހަމަ އަށް ރަޖިސްޓްރީ ކުރެވޭ ގޮތެއް ނުވިއެވެ.

އޮލްމޯ ބާސެލޯނާ ސްކޮޑުގައި ރަޖިސްޓްރީ ކުރުމުގެ ގޮތުން އެ ކްލަބުން ވަނީ، އަނިޔާގައި ތިބި ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކޮށްފައެވެ. 

އެހެންކަމުން، ބާސެލޯނާ އިން ދެން މަސައްކަތްކުރީ މި ސީޒަނުގައި ބާކީ އޮތް ބައިގައި ވަގުތީ ގޮތުން އޮލްމޯ ރަޖިސްޓްރީ ކުރުމަށެވެ. އެކަމަށްޓަކައި ކޯޓަށް އިސްތިޢުނާފު ކުރުމަށް ހުށަހެޅުމުން އެޕީލް ވަނީ ބާޠިލްކޮށްފައެވެ.

މި ނިންމުމުގެ ސަބަބުން އޮލްމޯ އަށް ކުރިއަށް އޮތް ޖަނަވަރީ މަހުގެ 1 އިން ފެށިގެން ބާސެލޯނާ އަށް ނުކުޅެވޭނެއެވެ. މިއާއެކު، އޭނާ އެ ކްލަބުގައި ރަޖިސްޓްރީ ކުރުމަށްޓަކައި މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ވީއައިޕީ ބޮކްސް ޕްރައިވެޓައިޒް އުޞޫލުން ވިއްކާލުމަށް ވެސް ބާސެލޯނާ އިން އޮތީ ތައްޔާރު ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އޮލްމޯ އާއެކު ބާސެލޯނާ އިން ވަނީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެކަމަކު، މިފަހުން ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ކުރިމަތިވި އަނިޔާ އާއި ފޯމު ދަށްވުމުގެ މައްސަލަތަކާ ގުޅިގެން ވަނީ ތާވަލްގެ ތިންވަނަ އަށް ވެއްޓިފައެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ބާސެލޯނާ އިން ވަނީ މި މައްސަލަ މެޖިސްޓްރޭޓް ކޯޓެއްގައި އިސްތިޢުނާފު ކޮށްފައެވެ. އަދި، އިސްތިޢުނާފުގެ އަޑުއެހުން ވަނީ ހޯމަ ދުވަހަށް ތާވަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު