ENGLISH

15 ޖުލައި 2026

Advertisement

"އެމްޑީޕީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން އަހަރަކު ބިލިޔަނުން މިފްކޯއަށް ސަބްސިޑީ ދޭންޖެހުނު"

15 ޖުލައި 2026

|

އައިމިނަތު ޝަފާ

ވަޒީރު ޝިޔާމް މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަނީ

ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ކުރުމުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބުނުކަމަށާ އެ އަގުގައި މަސް ގަތުމަށް މިފްކޯއަށް ދައުލަތުން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ސަބްސިޑީ ދޭންޖެހުނުކަަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިފްކޯއަށް މަސްގަތުމަށް މީގެ ކުރީ ސަރުކާރުތަކުން ބިލިއަނުން ސަބްސިޑީ ދެމުން ގެންދިޔަ ކަމަށެވެ. ވަޒީރު ވިދާޅުވީ މިފްކޯ ކުރިއަރާދާންބޭނުން ނަމަ ސިޔާސަތުތަކަށް ބަދަލުގެންނާން ޖެހޭ ކަމަށެވެ. މީގެ ކުރީ ސަރުކަރުތަކުން ސިޔާސީ ބޭނުމަށް ވޯޓު ހޯދުމަށްޓަކާ މިފްކޯއަށް ސަބްސިޑީ ދީގެން މަސްވެރިންގެ އަތުން މަސް ގަންނަމުން ގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސް ގަންނަން ސަރުކާރުން މިފްކޯއަށް ދެމުން ގެންދިޔަ ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. މިފްކޯއަކީ މިހަރު ސަބްސިޑީ އާއި ނުލާ މަސްގަނެވޭނޭ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑުމެން މިހާރު މަސްގަންނަން މިފްކޯއަކަށް އެންމެ ރުފިޔާއެއް ވެސް ނުދެން. އަޅުގަނޑުމެން ބޭނުންވަނީ މިފްކޯއަކީ އަމިއްލައަށް މަސައްކަތްކުރެވޭ ކުންފުންޏަކަށް ވާން. އެމަގުން ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅުކުރެއްވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މަސްވެރިކަން ތަރައްގީކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފެލިވަރުގައި 40 އަހަރު ވަންދެން އެއް ފެކްޓްރީއެއް ހިންގަމުން ގެންދިޔަކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތު ކުރިއަރާނީ މަހަށް ހަމަ އަގު ލިބިގެން ކަމަށާ މަހަށް ހަމަ އަގު ލިބޭނީ ކެޕޭސިޓި އިތުރުކުރެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.އެގޮތުން އެކަން ބަދަލުކޮށް މަސް ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ ތިން ގުނަ ބޮޑު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގައި މަސް ޕްރޮސެސިން ކެޕޭސިޓީއަކީ 105 ޓަނެވެ.

މަސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓު ނުކުރާވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރި ސިނާއަތަށް އިންވެސްޓުކޮށްފައެވެ. އެގޮތުން މަސްވެރިންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް މިހާރު ވަނީ ހައްލު ގެނެސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު