ENGLISH
15 ޖުލައި 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
15 ޖުލައި 2026
|
އެންމެ މަޤްބޫލު
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ދިމާކޮށް ބާއްވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު ސްލާމިކް ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްޢާޚިރު މަހުގެ 2 ވަނަ ދުވަހެވެ. އެ ދުވަސް މި އަހަރު ދިމާވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާއެވެ. މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 ޖުލައި 2026 ގެ ކުރިން އެޕްލިކޭޝަނަށް ފޯމް ހުށައެޅުމަށް ވުޒާރާއިން އެދެއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވެވޭނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނަށާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން އަހަރު 30 ނުފުރޭ ފަރާތްތަކަށެވެ.
މި މަހާސިންތާއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވާ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެކެވެ. މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީއަށް ވަނީ ދަޢުވަތު ދެއްވާފައެވެ.
މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.
ޒުވާން ޚަޠީބުންގެ އަދަދު މިހާރު 621 އަށް އަރާފައިވާއިރު ޙާފިޡުންގެ އަދަދު 310 އަށް ވަނީ އަރާފައެވެ.
ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ، ރާއްޖެއިސްލާމްވީތާ 900 އަހަރުނާ ގުޅިގެން ބާއްވާ ޤައުމީ މަހާސިންތާގައި ބައިވެރިވާން ޒުވާން ޚަޠީބުން މާލެއަށް އައުމުގެ އިންތިޒާމް އެ ވުޒާރާއިން ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.