ENGLISH
15 ޖުލައި 2026
ބީއެމްއެލްގެ އިތުރު 7 ބްރާންޗެއްގެ ޚިދުމަތް ފަށައިފި، ޖުމްލަ އަދަދު 55 އަށް
15 ޖުލައި 2026
|
ބީއެމްއެލްގެ ބްރާންޗްތައް ރައީސް ހުޅުވައިދެއްވަނީ. ފޮޓޯ؛ ބޭންކް އޮފް މޯލްޑިވްސް.
އެންމެ މަޤްބޫލު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ޚިދުމަތްފަށައި ބޭންކިން ވިއުގަ ފުޅާކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ބްރާންޗުތައް ހުރި ރަށްތަކަކީ:
• ހއ. ހޯރަފުށި
• ށ. ކަނޑިތީމު
• ރ. އަލިފުށި
• ޅ. ހިންނަވަރު
• އދ. މާމިގިލި
• ގއ. ގެމަނަފުށި
• ލ. މާވަށް
މި ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދެއެވެ. މީގެ ތެރޭގައި މިދިޔަ ދެއަހަރުތެރޭ ހުޅުވި 17 ބްރާންޗް ހިމެނެއެވެ. ބޭންކުން ބުނީ މިއިން ދައްކުވައިދެނީ ބޭންކިން ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރާ ދެމެހެއްޓެނިވި އިންވެސްޓްމެންޓުކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ކުރިއެރުން އިންވެސްޓު ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށްކަމަށެވެ.
"ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދޭ. އަދި މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ،". ސީއީއޯ ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ ހިންގަމުންނެވެ. މީގެ ތެރޭގައި 20 އަތޮޅުގައި ހުރި 55 ބްރާންޗާއި، 340 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ހިމެނެއެވެ. އައު އީޖާދުތަކާއި ހިދުމަތްތައް ފުޅާކުރުމުގެ ޒަރީއާއިން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.