ENGLISH
15 ޖުލައި 2026
ގުޅިފަޅުން ގޯތި ލިބުނުކަމުގެ ލިޔުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދަައިފި
15 ޖުލައި 2026
|
އެންމެ މަޤްބޫލު
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ޚިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުޞަތު މިހާރު ވަނީ ހަމަޖެހިފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ ލިޔުން ދޫކުރުމާއި ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީ އިން ބުނީ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެން ލިޔުން ހޯދޭނެ ކަމަށެެވެ.
1. ޕޯޓަލްއަށް ވަނުން: 'ހިޔާވަހި ޕޯޓަލް' އަށް އީފާސް (eFaas) މެދުވެރިކޮށް ލޮގިންވުން.
2. ގޯތި ހަވާލުކުރުމުގެ ބަޔަށް ދިޔުން: ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން 'ގޯތި ހަވާލުކުރުން' މި ބަޔަށް ޒިޔާރަތް ކުރުން.
3. ލިޔުން ޑައުންލޯޑް ކުރުން: ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެއެވެ. އަދި 'ގޯތި ހަވާލުކުރިކަމުގެ ލިޔުން' މި ބައިން ޑައުންލޯޑް ކުރެއްވޭނެ.
4. ލޮކޭޝަން ބެލުން: ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެއްލެވުމަށް ކިއު.އާރް (QR) ކޯޑަކާއި ލިންކެއް ހިމެނިފައިވާނެއެވެ. މި ކޯޑު ސްކޭން ކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެ.
މިނިސްޓްރީން ބުނީ މި ލިޔުން ޑައުންލޯޑް ކުރެއްވޭނީ، ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެއެވެ.
ފާހަގަކޮށްލަންޖެހޭ މުހިންމު ބަދަލަކީ، މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަނީ ގުޅިފަޅަށް ގޮސްގެން ކަމަށްވީ ނަމަވެސް، މިހާރު އެ ސަރަހައްދަށް ވަޑައިނުގެން ޕޯޓަލް މެދުވެރިކޮށް މި ލިޔުން ހޯދޭނެއެވެ. މި ޕޯޓަލް މެދުވެރިކޮށް، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި، ގޯތީގެ މިހާރުގެ ހާލަތު (ސްޓޭޓަސް) ބަލައިލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.