ENGLISH

18 އޭޕްރީލު 2025

Advertisement

ބެލޮންޑިއޯ އެންމެ ޙައްޤީ ވިނީޝިއުސް އަށް: ރޮނާލްޑޯ

28 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ވިނީޝިއުސް (ކ) އާއި ރޮނާލްޑޯ (ވ-2) ދުބާއީގައި ބޭއްވި ގްލޯބް ސޮކާ އެވޯޑްސްގެ ތެރެއިން. --ފޮޓޯ: އޭޕީ

ފްރާންސް ފުޓްބޯލް އިން އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ޙައްޤީ ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި، ވިނީޝިއުސް ޖޫނިއާ އަށް ކަމަށް ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރެއާލަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ މިހެން ބުނީ، ދުބާއީގައި ބޭއްވި ގްލޯބް ސޮކާ އެވޯޑްސްގައި މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑާ ހަވާލުވުމަށް ފަހު ދެއްކި ވާހަކައިގައެވެ.

ސައުދީ ޕްރޯ ލީގުގައި ކުޅެމުން އަންނަ ރޮނާލްޑޯ ބުނީ، އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް ސްޕެއިނުގެ މިޑްފީލްޑަރު، ރޮޑްރީ އަށް ވުރެ އެ އެވޯޑް އެންމެ ޙައްޤީ އޭނާގެ ކުރީގެ ޓީމު ކަމަށްވާ ރެއާލްގެ ވިންގް، ވިނީޝިއުސް އަށް ކަމަށެވެ.

"ވިނީޝިއުސް އަށް ބެލޮންޑިއޯ އެންމެ ޙައްޤީ،" ރޮނާލްޑޯ ބުންޏެވެ. "ވިނީޝިއުސް އަށް ބެލޮންޑިއޯ ނުދޭން ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން. އެންމެންގެ ކުރިމަތީގައި މިހެން މިބުނަނީ."

ވިނީޝިއުސް އަށް ބެލޮންޑިއޯ އެވޯޑް ނުލިބުނު ނަމަވެސް، އޭނާ ވަނީ މި މަހުގެ ކުރީކޮޅު ބޭއްވި ފީފާ ގެ "ދަ ބެސްޓް" އެވޯޑުގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އަދި، ރޭގެ ހަފްލާގައި ދިން އަހަރުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ވެސް ވިނީޝިއުސް އެވެ.

ގްލޯބް ސޮކާ އެވޯޑްސްގައި ވާހަކަދައްކަމުން ރޮނާލްޑޯ ވަނީ، މެންޗެސްޓަރ ޔުނައިޓެޑްގެ މިހާރުގެ ކޯޗު، ރުބެން އަމޯރިމް އަށް ކާމިޔާބީއަށް އެދޭކަމަށް ބުނެފައެވެ.

ރޮނާލްޑޯ ބުނީ، އަމޯރިމް ވަނީ ސްޕޯޓިންގ ލިޒްބަންގައި ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައި ކަމަށާއި، އެކަމަކު ޕްރިމިއަރ ލީގަކީ އެއަށްވުރެ އުނދަގޫ ލީގެއް ކަމަށެވެ.

އުނދަގޫ ނަމަވެސް، ޔުނައިޓެޑާއެކު އަމޯރިމް އަށް އަމާން އައްސޭރިއަކަށް ދެވޭނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު