ENGLISH
18 އޭޕްރީލު 2025
އިޕްސްވިޗް އަތުން ހޯދީ މޮޅާއެކު އާސެނަލް ދެވަނަ އަށް
28 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އިޕްސްވިޗް ޓައުން އަތުން 1-0 އިން ހޯދީ ހަނި މޮޅާއެކު ތާވަލްގެ ދެވަނަ އަށް އާސެނަލް ޖެހިލައިފިއެވެ.
މި ނަތީޖާއާ އެކު އާސެނަލް ވަނީ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ހަ ޕޮއިންޓް ގާތަށް ޖެހިފައެވެ. ލިވަޕޫލް އެއްވަނައިގައި އުޅެނީ 17 މެޗުން 42 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އާސެނަލް އޮތީ އެއް މެޗު އިތުރަށް ކުޅެގެން 36 ޕޮއިންޓާއެކު އެވެ. އެއް ޕޮއިންޓް މަދުން ލިބިގެން ޗެލްސީ ތިންވަނައިގައި އޮތްއިރު، ނޮޓިންގހަމް ފޮރެސްޓް އޮތީ 18 މެޗުން ހޯދީ 34 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 23 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައެއް އެއް ފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އާސެނަލްގެ ލީޑު ފުޅާކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ގޯލާ ގާތްގަނޑަކަށް ތިން ޔާޑު ކައިރިން އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު، ގެބްރިއެލް މަގާޅައެސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުން ބަލިވި އިޕްސްވިޗް އޮތީ ތާވަލްގެ 19 ވަނައިގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބްރައިޓަންގެ ދަނޑުގައި އެ ޓީމު ވަނީ ބްރެންޓްފޯޑާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.