ENGLISH
13 ޖުލައި 2026
ޔޫތު ޗެމްޕިއަންޝިޕް: ބުރު ސްޕޯޓްސް ބަލިކޮށް، ނިއު ރޭޑިއަންޓް ފައިނަލަށް
13 ޖުލައި 2026
|
ޔޫތު ޗެމްޕިއަންޝިޕުގައި ބުރު ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ބުރު ސްޕޯޓްސް އާއި، ނިއު ރެޑިއަންޓުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އޮޑި ސްޕޯޓްސް ކުލަބު އަދި ކެޔޮދޫއެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ ބުރު ސްޕޯޓްސް އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އިޒާން އަލީ އާއި، ޒާކި މުޖުތަބާ ޒާހިރެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ނިއު ރޭޑިއަންޓް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ލިބިފައެވެ. އެއާއެކު އެ ޓީމަށް ވަނީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާ އާއި، ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ލީގުގައި މާދަމާ ހަވީރު މާޒިޔާ އާއި އޮޑި ސްޕޯޓްސް ބައްދަލުކުރާއިރު، ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނީ މި މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އެއްވަރުވެއްޖެނަމަ، ލަނޑުގެ ތަފާތުން މާޒިޔާ ފައިނަލަށް ދަތުރުކުރާނެއެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ފަސްވަނައިގައި އޮތް ކެޔޮދޫ އާއި، ފުލުގައި އޮތް ޓީސީއެވެ. މި ދެ ޓީމަށްވެސް ވަނީ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ގެއްލިފައެވެ.