ENGLISH

13 ޖުލައި 2026

Advertisement

މާލޭ ބަނދަރުގެ މައްސަލައަކީ ކުރީ ސަރުކާރުތަކުން އިހުމާލުވެފައި އޮއްވައި މި ސަރުކާރުން ހައްލުކުރާ މައްސަލައެއް: ސައީދު

13 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ތިލަފުށީގައި މުދާ ބަރާކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދު، ފޮޓޯ: އެމްޕީއެލް

މާލޭގެ ވިޔަފާރި ބަނދަރު ތޮއްޖެހުމުންދާ މައްސަލައަކީ ކުރީ ސަރުކާރުތަކުން އަޅައިނުލައި އިހުމާލުވެފައި އޮއްވައި މި ސަރުކާރުން ހައްލުކުރަމުންދާ މައްސަލައެއްކަމަަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވީ މާލޭގެ ބަނދަރަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޮންޓެއިނަރުތައް ބަރާކުރުމާއި ބޭލުމުގެ މަސައްކަތްތަކަށް ތިލަފުށީގައި ހަމަޖައްސާފައިވާ އިންތިޒާމުގެ ތެރެއިން އެމްވީ ސެލެސްޓިއާގެ މުދާ ކާމިޔާބުކަމާއެކު އިއްޔެ ބޭލުމާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ. 

އެމްޕީއެލްއިން ބުނީ 24 ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތިލަފުށީގައި އެކަމަށް ހާއްސަކޮށްފައިވާ ބަނދަރުން ޖުމްލަ 372 ޓީއީޔޫގެ މުދާ  އެމްވީ ސެލެސްޓިއާއަށް ބަރާކޮށްފައިވާ ކަމަށެވެ. އަދި ސެލެސްޓިއާއަކީ ތިލަފުށީގައި ކާމިޔާބުކަމާއެކު ބާތުކުރި ހަތަރުވަނަ އުޅަނދު ކަމަށެވެ. 

މިކާމިޔާބާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ކުރިމަތިވަމުންއައި އެތައް ހުރަހެއް ފުނިޖެހެމުންދިޔަ މަންޒަރު ސަރުކާރުތަކަަށް ފެނުނު ނަމަވެސް އެކަންކަން ހައްލުކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. 

އެއިން އެއް މައްސަލައަކީ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާ ބޭލުމަށް ދިމާވަމުންދިޔަ ދަތިތައްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެކި ސަރުކާރުތައް އައިސް ގޮސް ޒަމާން ބަލުވަމުންދިޔައިރު، މި މައްސަލަ އޮތީ އޮތް ހިސާބެއްގައި ތާށިވެފައި، ހައްލެއް ހޯދައިނުދެވި ކަމަށެވެ. 

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ މަސައްކަތްތަކުގައި އަމަލީ ސިފަ ޖެހެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރެއްވި ގޮތަށް 2027 ވަނަ އަހަރުގެ ނޮވެންބަރު މަހަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަަތް ބާރަށް ކުރިއަށްދާ ކަމެވެ. 

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ދެމެހެއްޓެނެވި ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ބަނދަރުގައި ވިޔަފާރިވެރިން މިހާރު ތަހައްމަލުކުރާ ދަތިތަކަށް ވަގުތީ ހައްލުތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު